ދިހަ އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ދަހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ސީރިއާގައި ބޭއްވި ރިޔާސީ އިންތިހާބު އެގައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދު %95.1 އިން ކާމިޔާބު ކޮށްފިކަމަށް ސީރިއާ އިން އިއުލާންކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި އިންތިހާބުގައި ބައްޝާރުގެ އިތުރުން އިތުރު ދެބޭފުޅަކު ވެސް ވާދަކުރެއްވިއެވެ. ވޯޓް ލުމަށް ހައްގު ލިބިފައިވާ މީހުންގެ %78 މީހުން ވޯޓްލާން ނިކުތް ކަމަށް ސީރިއާ ސަރުކާރުން ބުނެއެވެ. ވޯޓް ލާން ނިކުތް މީހުންގެ ތެރެއިން 13 މިލިއަން މީހުން ވޯޓް ދިނީ ބައްޝާރަށެވެ.

އިންތިހާބުގައި ދެވަނަ އަށް ދިޔައީ ހަނގުރާމަވެރިންގެ ކޯލިޝަންގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މަހްމޫދު އަހްމަދު މަރާއީއެވެ. އޭނާ އަށް ވަނީ 470276 ވޯޓް ލިބިފައެވެ. އެއީ ވޯޓް ލާން ނިކުތް މީހުންގެ %3.1 އެވެ. ތިން ވަނަ އަށް ދިޔައީ އިދިކޮޅު ޕާޓީއެއް ކަމަށްވާ ސޯސިއަލިސްޓް ޔޫނިއަނިސްޓް ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ސައްލުމް އަބްދުﷲ އެވެ. އޭނާ އަށް ވަނީ 313968 ވޯޓް ލިބިފައެވެ. އެއީ %1.5 ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރުމަށްފަހު ބައްޝާރުލް އަސަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ސީރިއާގެ ކުޑަކުދިންނާއި ޒުވާނުންގެ މުސްތަގުބަލަށްޓަކައި ނިންމިގެން ދިޔަ މުހިއްމު ނިންމެވުމެއް ކަމަށެވެ. މިހާރުން ފެށިގެން ސީރިއާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް އިތުރު ބާރަކާއިއެކު ފަށާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކުން ވަނީ ސީރިއާގައި ކުރިއަށް ދަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް ސީރިއާ އިން ބުނެފައި ވަނީ އިންތިހާބު ކުރިއަށް ދިޔައީ އެގައުމުގެ ގާނޫނު އަސާސީ އާއި އެއްގޮތައް ކަމަށެވެ.

ސީރިއާގެ ވެރިކަމަށް ބައްޝާރުލް އަސަދު އައީ އޭނާގެ ބައްޕަ ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމުންނެވެ. 2011 ވަނަ އަހަރު ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ފެށި މުޒާހަރާތައް ފަހުން ދާހިލީ ހަނގުރާމައަކަށް ބަދަލުވެ އެތައް ހާސް ބަޔަކު ވަނީ ހަނގުރާމައިގައި މަރުވެފައެވެ. އަދިވެސް ސީރިއާ އިން ހަނގުރާމަވެރިންގެ ބާރު އެއްކޮށް ކަނޑުވައެއް ނުލެވެއެވެ. ނަމަވެސް ރަޝިއާ އާއި އީރާންގެ އެހީތެރިކަމާއިއެކު މިހާރު ވަނީ ހަނގުރާމަވެރިން ވަރަށް ބޮޑަށް ބަލިކަށިކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    ހެހެ މައުމޫނު 100% އަޣުލަބިއްޔަތުން ހޮވޭ ފަދައިން.
    މި މުސްލިމުންގެ ލޭ ބޯ ބާޠިނީ ޢަލަވީ ކާފަރު ކަލޭގެ ވޯޓު ލާން ފުރުސަތު ދޭނީ ވެސް އޭނާގެ ބައިގަނޑަށް އެކަނި. އެއީ ސޫރިޔާގެ އެންމެ 10 - 15% ވަރަކަށް މީހުން.

    17
    14
    • ލޮލީ

      17 މިލިޔަން ގެ އާބާދީ އަކުން 13 މިލިޔަން އޭނަ އަށް ވޯޓު ދިނީ އެއީ އެގައުމުގެ އާބާދީ ގެ 76 ޕަސަންޓު. މުސްލިމުންގެ ލޭ ބޯ މީހުން އިނގިގެން އަނގަ ތަޅާ ބަލަ.

      6
      10
  2. ކާފަ

    ޒައީމަށްވުރެ ކުރިއަކަށް އަދިވެސް ނުދެވޭ ކަލެއަކަށް..

    11
    6
  3. ސަމޭދާން ބުނި ގަތޫރާ

    ތިޔައޭ ޒައީމޭ އަދު ލޮބުވެތި ގައުމު ފަޚުރުވެރިވާ.

    11
    8
  4. ދޯދި

    މަރު ހަބާ

    5
    7
  5. ޙާލަތު

    ސީރިޔާގެ ޤާނޫނު އަޞާސީއާ އެއްގޮތަށޭ ދިޔައީ... އަޅުގަނޑަށް ހީވަނީ ތި ޤާނޫނުގަ ލިޔަންވީހެން ބައްޝާރު ފަސްއަޅަންދެން ވެރިކަމުގަ ހުންނާނީ ބައްޝާރޭ.!!! އޭރަށް އިންތިޚާބޭ ތިކިޔާ އެއްޗެއް ބާއްވަންވެސް ނުޖެހި ޤާނޫނު އަޞާޞީއާ އެއްގޮތަށް ބައްޝާރު ހުންނާނީ ވެރިކަމުގަ....

    2
    2