ދެ ހަފްތާގެ މުއްދަތަކަށް މެލޭޝިއާ ފުރަބަންދު (ލޮކްޑައުން) ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާ ފުރަބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އެގައުމުގެ ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.

އެގޮތުން އެގައުމުގެ ސަރުކާރުން ބުނީ، އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް އެގައުމު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގައުމުގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ ފުރަބަންދުގެ ފުރަތަމަ ފިޔަވަހި ކަމަށާއި މި މައްދަތުގައި ހަމަ އެކަނި ތަންތަން ހިންގުމުގެ ހުއްދަތައް ލިބޭނީ އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ހުއްދަ ދޭ ފަރާތްތަކަށް ކަމަށެވެ.

"މިފަދަ ފިޔަވަޅެއް އަޅަން ނިންމީ މިހާރުގެ ކޮވިޑް ހާލަތަށް ރިއާޔަތްކޮށް، މެލޭޝިއާއިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 8000 ވުރެ މަތީގައި އުޅޭއިރު، މިހާރު އެކްޓިވް އަދަދު ވެސް ވަނީ 70،000 އިން މައްޗަށް އަރާފައި" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ބަލި ޖެހޭ މީހުންގެ އިންސައްތަ އެގައުމުގައި އިތުރުވެ، ހޮސްޕިޓަލަށް ނުކަތާ ވަރަށް މީހުން ފައްސިވެއްޖެނަމަ، ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ފުރަބަންދުގެ ފުރަތަމަ ފިޔަވަހީގައި ބަލި ފެތުރޭ މިންވަރު ދަށްވެއްޖެނަމަ، ދެވަނަ ފިޔަވަހި އިއުލާނު ކުރާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެއީ ހަތަރު ހަފްތާގެ ފުރަބަންދެކެވެ.