ފަލަސްތީންގެ ޣައްޒާގައި އަނިޔާވެފައިވާ މީހުންނާއި، ބަލި މީހުންނަށް ފަރުވާ ކުރުމަށް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ ގޮތުން ޣައްޒާއިން ނެރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

އެ ޖަމުއްޔާއިން މިހެން ބުނެފައިވަނީ 11 ދުވަސް ވަންދެން މެދުނުކެނޑި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި، ޣައްޒާގެ ސިއްހީ މަރުކަޒުތަކާއި، ކްލިނިކްތަކެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހުކުރު ދުވަހު ޑަބްލިއުއެޗްއޯއިން ޣައްޒާގެ ސިއްހީ އިދާރާތަކަށް ގުޅައި ބަލިމީހުންނާއި، ފަރުވާ ބޭނުންވާ މީހުންގެ މައުލޫމާތު ހޯދާފައިވެއެވެ. އެ ޖަމިއްޔާ އިން ބުނީ ޣައްޒާގައި ފަރުވާ ބޭނުންވާ މީހުން ގިނަ ކަމުން އެތަނުގެ ސިއްހީ މަސައްކަތްތެރިންނަށް މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަނީ ދަތި ކަމަކަށް ވެފައިވާ ކަމަށެވެ.

ދިގު މުއްދަތަކަށް ބޭސްކުރާ މީހުން ހިމެނޭހެން 600 އަށް ވުރެ ގިނަ މީހުންނަށް ޣައްޒާއިން ބޭރަށް ގެންގޮސްގެން ސިއްހީ ފަރުވާ ދޭން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ނަމަވެސް، ޣައްޒާއިން ނުކުތުމަށް އޮންނަ މަގުތައް ބަންދުކުރުމުގެ ސަބަބުން ފަރުވާއަށް ބޭނުންވެފަައިތިބި މީހުން ވެސް ތިބީ އަދިވެސް ޣައްޒާގައެވެ. ޕަލަސްތީނުގައި ތިބި މީހުންނަށް އަޅާލުމާއި ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، ހާއްސަކޮށް ޣައްޒާއިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުން މުހިންމު ކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިސްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ މަގުމަތިވެފައެވެ. މި ހަމަލާތަކުގެ ސަބަބުން 1،900 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބުނަނީ ޣައްޒާގައި އެތައް ބަޔަކު މަގުމަތިވެ، ތޮއްޖެހިފައިވާ މި ދަނޑިވަޅުގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އިންސާނީ އެހީތެރިންނަށް ޣައްޒާއަށް ވަދެ އެހީތެރިކަން ފޯރު ކޮށްދިނުމަށާއި، ބޭސް ފަދަ ތަކެތި ޣައްޒާ ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.