ކޮވިޑް-19 ވައިރަސް އަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި އަނެއްކާވެސް މިބަލިމަޑުކަމުގެ "ބޮޑު ރާޅެއް" ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެކްސިން އުފައްދާ ކުންފުނި މޮޑާނާ އިން ދީފިއެވެ.
ކޮވިޑް-19 ދުނިޔޭގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ޖަނަވަރީ މަހުއެވެ. އޭރު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސް، ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު އަށް ލައްކައަށްވުރެ މައްޗަށް އެރިއެވެ. ނަމަވެސް ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުކުރެވި، ހާލަތު ކޮންޓްރޯލް ކުރެވުނެވެ.
ދެން ކޮވިޑްގެ ހާލަތު ގޯސްވީ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. އޭރު ދުނިޔެ އިން ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މައްޗަށް ދިޔަ އެއް ސަބަބަކީ އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރު ވެގެން ދިއުމުންނެވެ. އޭޕްރީލް މަހުގެ ފަހުކޮޅު ވެސް ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ ޖުމްލަ އަދަދު އަށްލައްކައަށް އެރިއެވެ.
ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނާއި، ހާލަތު އެންމެ ގޯސް ގައުމުތަކުގައި ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން މިހާރު އަނެއްކާވެސް ގިނަ ގައުމުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
ނަމަވެސް މޮޑާނާގެ ޗީފް ސައިންޓިސްޓް މެލީސާ މޯރް ވިދާޅުވީ ކޮވިޑްގެ ވައިރަސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނެއްކާވެސް ކޮވިޑްގެ ބޮޑު ރާޅެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. "ވައިރަސް އަށް އަންނަ ބަދަލަށް މިހާރު ހުރި ވެކްސިންތައް މަސައްކަތް ނުކުރާ ހާލަތެއް ކުރިމަތިވެއްޖެނަމަ އަނެއްކާ އެއީ ބަލި ކޮންޓްރޯލް ކުރަން އަލުން މަސައްކަތް ފަށަން ޖެހުނީ. މިހާރު ވެސް ވައިރަސް އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެއީ ނުވާނެ ކަމެކޭ ނުބުނެވޭނެ،" މެލީސާ ވިދާޅުވިއެވެ.
މެލީސާ ވިދާޅުވީ އަލަށް ފެންނަ ވޭރިއަންޓްތައް މޮޑާނާ އިން ހުއްޓުމެއްނެތި ޓެސްޓްކޮށް، އެވޭރިއަންޓްތައް ވެކްސިނަށް މަސައްކަތް ކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ނަމަވެސް ވެކްސިނަށް ބަދަލެއް ގެންނަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަމަށް ވަގުތު ނަގާނެ. އަދި ވެކްސިން އަލުން ދޭން އިތުރު އެތައް މަހެއް އަނެއްކާ ނަގާނެ." މެލީސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ހައްލަކީ އަވަހަށް ވެކްސިން ފުރިހަމަކޮށް، ބަލި ނައްތާލުމުގައި އެންމެން ވެސް އަވަހަށް ބައިވެރިވުމެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ ހާލަތު ރަނގަޅު ވަމުން އަންނާތީ މިހާރު މުޅި ދުނިޔޭގެ އެކްޓިވް ކޮވިޑް ވޭދަނަތަކުގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިހާރު ދުނިޔޭގައި ކޮވިޑް ޖެހިފައި ތިބީ 14 މިލިއަން މީހުންނެވެ.
ރީއްޗަށް މާކެޓުކޮށްލީ ދޯ؟
މިހާރު ކޮބާތޯ “ޑަބްލިޔޫ އެޗް އޯ”؟؟!!
ވެކްސިން އުފައްދާ އެވިއްކާ ކުފިނިތަކުން ފާޅުގައި(ސިއްޙިބިރުވެރިކަން) އުފައްދަން މިވަނީ ފަށާފައެވެ.
އެހެންވީމަ ފާޅުގައި އެބައިމީ ނުސީދާކޮށް މި އަނގަނީ އަވަހަށް އެމީހުން އަތުން ވެކްސިންތަށްގަނެ އެޖަހާށެވެ.