ސްރީލަންކާ ކައިރިން ރޯވެ އަނދަމުންދާ މުދާ އުފުލާ ސިންގަޕޫރުގެ ބޯޓެއްގައި ހުރި ގިނަ އަދަދެެއްގެ ވިހަ މާއްދާތަކެއް ނެގަމްބޯގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ބޯޓަކީ 25 ޓަނުގެ ނައިޓްރިކް އެސިޑް ހިމެނޭހެން ގިނަ އަދަދެއްގެ ވިހަގަދަ މާއްދާތަކެއް ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. 1،500 އެއްހައި ކޮންޓެއިނަރު ބޯޓުގައި ވާއިރު، މިދިޔަ އަންގާރަ ދުވަހު އޭގެ ތެރެއިން 8 ކޮންޓެއިނަރު ވަނީ ކަނޑަށް އެޅިފައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކަނޑަށް އެޅުނު ކޮންޓެއިނަރު ތަކުގައި ހުރި ޕްލާސްޓިކް ޕެލެޓުތަކާއި ވިހަ މާއްދާތައް ނެގަމްބޯގެ ގޮނޑުދޮށަށް ލައްގާ، އެ ސަރަހައްދު ދަނީ ތަގައްޔަރު ވަމުންނެވެ. ގޮނޑުދޮށް ތަގައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ އާންމުންނަށް ބަންދުކޮށްފައެވެ. ވިހަ މާއްދާތަކުން ރައްކާތެރިވުމަށް ހެޒްމަޓު ސޫޓު ލައިގެން ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕްލާސްޓިކާއި ވިހަ މާއްދާތަކުން މިހާރު ތަގައްޔަރު ވެފައިވާ ގޮނޑުދޮށަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު އަދި މަސްވެރިކަމަށް ހާއްސަ ތަނެެކެވެ.

ލަންކާގެ އިދާރާތަކުން ބުނީ މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓުގައި ރޯވީ ނައިޓުރިކް އެސިޑު ލީކުވެގެން ކަމަށެވެ. ބޯޓުގައި ހުރި ކޮންޓެއިނަރަކުން ނައިޓުރިކް އެސިޑު ލީކުވަމުންދާކަން މި މަހުގެ 11 ވަނަ ދުވަހު ވަނީ ފަޅުވެރިންގެ ސަމާލުކަމަށް އައިސްފައެވެ.

މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީން ބުނީ ކޮންޓެއިނަރަކުން ލީކުވާކަން ފާހަގަވުމުން ލަންކާ ކަނޑުގެ ސަރަހައްދަށް ނުވަދެ އިންޑިއާގެ ގުޖުރާތުގެ ބަނދަރަށް ބޯޓު އަނބުރާ ދިޔަ ނަމަ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވިދާނެ ކަމަށެވެ.

ބޯޓުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓް ސެކިއުރިޓީގެ މެމްބަރުން އަލިފާންގަނޑު ނިއްވާލައިފައި ވަނިކޮށް އަނެއްކާވެސް އޭގެ ފަސް ދުވަސް ފަހުން ކުރިޔަށް ވުރެ ބޮޑަށް ބޯޓުގައި ރޯވެ އަނދަމުންދާތީ، މި އަލިފާންގަނޑު ނިއްވާލުމުގައި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ސްރީލަންކާގެ ކަނޑުގެ ސިފައިން އަލިފާންގަނޑު ނިއްވާމުލުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.