ކަޝްމީރުގައި އިންޑިޔާއިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް އަލުން ފަށައިފިއެވެ.

މި ހަރަކާތްތައް ފަށާފައިވަނީ ރަމަޟާން މަހާ ދިމާކޮށް، 30 ދުވަހުގެ މުއްދަތަށް އޮޕަރޭޝަން މަޑުޖައްސާލާފައި އޮތުމަށް ފަހުގައެވެ.

އަސްކަރީ އޮޕަރޭޝަން، އަލުން ފެށިކަން، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ހޯމް މިނިސްޓަރ، ރާޖްނާތު ސިންގުވެސްވަނީ ހާމަކުރައްވާފައެވެ.

އިންޑިޔާއާ ވީ ފަޅިން އެޤައުމުގެ އަސްކަރިއްޔާއާއި، ޕާކިސްތާނާ ވީ ފަޅިން، ޕާކިސްތާނުގެ ހަނގުރާމަވެރިން، އެސަރަޙައްދުގައި ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންދެއެވެ. އިންޑިޔާއިން ބުނަމުންދާ ގޮތުގައި އެސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަކީ ނިރުބަވެރިންނެވެ. އަދި، އެމީހުންނަށް ޕާކިސްތާނު ސަރުކާރުން ވާގިވެރިވަމުންދާކަމަށް ބުނެއެވެ.

ރަމަޟާން މަހާ ދިމާކޮށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލިކަމުގައިވިޔަސް، ކަޝްމީރުގައި ނިމިގެންދިޔަ ރޯދަ މަހުވެސް ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެގޮތުން، މި ހަމަނުޖެހުންތަކުގައި ބައެއް މީހުން މަރުވެ، ބައެއް ފަރާތްތައް ގެއްލުން ލިބިފައިވެއެވެ. ހަމައެހެންމެ، ހަމަނުޖެހުންތަކުގައި މަޝްހޫރު ނޫސްވެރިޔަކުވެސް މަރުވެފައިވެއެވެ.

ބައެއް ތަޖުރިބާކާރުންނާއި ކަޝްމީރުގެ މަޝްރަހު ދިރާސާކުރާވ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލިކަމުގައިވިޔަސް، ދެ ފަރާތުން ހަޤީޤަތުގައި ހަމަލާތައް ހުއްޓާލާފައި ނުވެއެވެ. އަދި، އެއީ ހަމައެކަނި "ނަމަކަށް" ކުރި ކަމެއްގެ ގޮތުގައިވެސް، އެފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ކަޝްމީރުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން، ލާއިންސާނީ އަމަލުތައް ހިންގާ، ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމަށް، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން، ދާދިފަހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު