6.1 މެގްނިޓިއުޑުގެ ބާރުމިނުގައި މިއަދު ޖަޕާނުގެ އޮސާކާއަށް އައި ބިންހެލުމުގައި ތިން މީހަކު މަރުވެ، އިތުރު 200 އެއްހާ މީހުންނަށް އަނިޔާވެއްޖެއެވެ.

ނޫސް ރިޕޯޓުތައް ބުނާގޮތުގައި މަރުވި އެއް ފަރާތަކީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. މި ކުއްޖާ މަރުވެފައިވަނީ ސްކޫލަށް ދިޔަ މަގުމަތީގައި ފާރެއްގެ ދަށުވެގެންނެވެ. ހަމައެހެންމެ، ފާރެއްގެ ދަށުވެގެން އުމުރުން 80 އަހަރުގެ މީހެއްވެސް މަރުވެފައިވާއިރު، ފޮތް ހަރުގަނޑެއްގެ ދަށުވެގެން 85 އަހަރުގެ މީހަކުވެސް މަރުވެފައިވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެފައިވަނީ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ކުއްލި ޙާލަތަށް އިޖާބަދޭ ޓީމުވެސް އެކުލަވާލާފައިވާ ކަމަށެވެ.

މިއަދުގެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާނެކަމުގެ އިންޒާރު ދީފައިނުވާއިރު، ނިއުކްލިޔަރ ޕްލާންޓަކުންވެސް ތަފާތު ކަމެއް ފާހަގަކުރެވި، އެފަދަ ތަނަކުންވެސް ގެއްލުމެއް ލިބިފައިނުވެއެވެ. އެހެންނަމަވެސް، އެޤައުމުގެ އޮސާކާގެ އިތުރުން ހިޔޯގޯ، ކިޔޯޓޯ އަދި މިއީ އިން، އަލިފާނުގެ ޙާދިސާތަކެއް ރިޕޯޓުކޮށްފައިވެއެވެ.

އޮސާކާގެ އުތުރުން 13 ކިލޯމީޓަރުގެ އަޑިއަށް މި ބިންހެލުން އައިސްފައިވާއިރު، މި ހެލުމުގެ ސެއިސްމިކް އިންޓެންސިޓީ އަކީ ހަތެކެވެ.

މި ބިންހެލުމާ ގުޅިގެން ގިނަ ލޮޅުންތަކެއް އެރިއިރު، ކުރިއަށް އޮތްތާ، ސުނާމީއާއެކު އިތުރު ބޮޑެތި ބިންހެލުންތަކެއް އައުމުގެ ފުރުޞަތު އޮތްކަމަށް، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.