އެމެރިކާގެ މެދުތެރޭގެ ޤައުމެއް ކަމަށްވާ ގުއަޓެމަލާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ، ގުއަޓެމަލާ ސިޓީގެ ހުޅަނގު ދެކުނުން 67 ކިލޯ މީޓަރުން ބޭރުން އެޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދަކަށެވެ. ބިމުގެ ސަތޭކަ ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ބާރިމިން ރެކްޓަރ މިންގަޑުން 5.6 އަށް އަރާކަމަށް ޔޫރޮޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް-ސެންޓަރުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ގުއަޓެމަލާ ސިޓީއަށް އައި މި ބާރުގަދަ ބިންހެލުމުގެ ލޮޅުންތައް، އެ ސިޓީއާއި އިންވެގެން އޮންނަ އެލް ސަލްވެޑޯރ އަށްވެސް އިހުސާސްކުރެވިފައިވާއިރު، ބިންހެލުމުގައި މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ބިންހެލުން މިއަދު ގުއަޓެމަލާއަށް އައިސްފައި މިވަނީ، އެ ޤައުމުގެ ބިޔަ އަލިފާން ފަރުބަދައެއް ކަމަށްވާ، "ވޮލްކަން ޑީ ފުއޭގިއޯ" ގައި ބާރުގަދަ ދެ ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެ އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާގައި ސަތޭކައަށްވުރެ ގިނަ މީހުން އެ ޤައުމުން މަރުވިއިރު، 200 އެއްހައި މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މިއަދު ގުއަޓެމަލާއަށް ބިންހެލުމެއް އައިއިރު، ޖަޕާނަށްވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. ރެކްޓަރ މިންގަޑުން 6.1 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ކުޑަކުއްޖަކާއި ދެ ފިރިހެނަކު މަރުވެފައިވާއިރު، އެތައް ބަޔަކަށް އަނިޔާވެ އެޤައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އޮސާކާއަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. މީގެ އިތުރުން ރޭ މެކްސިކޯއަށް ވެސް ވަނީ ބިންހެލުމެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭގެ އައްޕަ

    އިޒްރޭލަށް ބިންހެލުމެއް އަތުވެއްޖެނަމަ ހާދަ ރަނގަޅޭ! އަދި އެބިންހެލުމާއެކު އިޒްރޭލުގެ ނިއުކް ބިނަގަރާސް އެއްކޮށްގޮވާ މުޅިތަން ސުއްނާފަތިވެއްޖެއްޔާ ރަނގަޅު،