އިސްރާއީލުން މިމަހުގެ ކުރީކޮޅު ޤުދުސްގައި ހުންނަ މަސްޖިދުލް އަޤުޞާއަށް ވަދެ ހިންގި ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް، އަދި އިސްރާއީލްގެ ކިބައިން ގުދުސް ސަލާމަތް ކުރުމުގެ ހިތްވަރު އާކުރުމުގެ ގޮތުން ޣައްޒާގައި އުފަންވި ކުދިންގެ ތެރެއިން 26 ކުއްޖަކަށް "ސައިފް އަލް-ޤުދުސް"ގެ ނަން ދީފިއެވެ.

ޣައްޒާގައި މިމަހު އުފަންވި ކުދިންގެ ތެރެއިން މިހާތަނަށް 26 ކުއްޖަކަށް ދީފައިވާ ނަން ކަމަށްވާ ސައިފް އަލް-ޤުދުސްގެ މާނައަކީ ޤުދުސްގެ ކަނޑިއެވެ.

އިސްރާއީލްގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ޖިހާދު ކުރަމުން ގެންދާ މުޖާހިދުންގެ ނަންތައް ވެސް ފަލަސްތީންގެ ކުދިންނަށް ކިއުމަކީ ވަރަށް އާއްމު ކަމެކެވެ. ހަމާސް ޖަމާޢަތާއި، އިސްލާމިކް ޖިހާދުގެ އެންމެ ވަރުގަދަ ލީޑަރުންގެ ނަންތައް ކިޔާފައިވާ ކުދިންގެ އަދަދު ފަލަސްތީންގައި ވަރަށް ގިނައެވެ.

އިސްރާއީލުން ހިސޯރުކޮށްފައި އޮންނަ ޣައްޒާގެ އާބާދީ ދެމިލިއަނަށް އަރައެވެ. ކޮންމެ އަހަރަކު ޣައްޒާގެ އާބާދީއަށް އަށްޑިހަ ވަރަކަށް ހާސް މީހުން އިތުރުވަމުން ދެއެވެ. ނަމަވެސް ޣައްޒާ ބަންދުކޮށް، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އިސްރާއީލުން ހުއްޓުވާފައި އޮތުމުން ޣައްޒާގައި ދިރިއުޅުން ވަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.

އިސްރާއީލުން މިމަހު 11 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރޭގައި ޣައްޒާގެ 60 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ޣައްޒާ އާއި އިސްރާއީލާއި ދެމެދު ހަމަލާތައް ބަދަލުކުރުން މިހާރު ކުރިއަށް ނުދިޔަ ނަމަވެސް އަދިވެސް އިސްރާއީލުން ގުދުސްގައި ފަލަސްތީންގެ މީހުންނަށް ހަމަލާ ދިނުން ހުއްޓައެއް ނުލައެވެ.