ސީރިއާއެކު ގުޅުން ބަދަހިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް-ތާނީ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ސީރިއާގައި މިދިޔަ ހަފްތާގައި ބޭއްވި އިންތިހާބު ކާމިޔާބުކުރައްވާ އެ ގައުމުގެ ރައީސްކަން ކުރައްވަމުން އައި ބަޝަރް އަލް-އައްސަދު ހަތަރުވަނަ ދައުރަަކަށް އިންތިހާބުވެވަޑައިގެންފައެވެ. ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުންނާއި، ހުޅަނގުގެ ގައުުމުތަކުން ބުނަމުންދަނީ މިދިޔަ ހަފްތާގައި ކުރިޔަށް ދިޔަ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ސީރިޔާގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ މެދުއިރުމަތީގެ ގައުމުތަކުގެ ތެރޭގައި ގަތަރު ހިމެނެއެވެ. ގައުމުގެ ބޮޑު ބަޔެއްގެ ބާރު އަސަދަށް ލިބުމުން ޔޫއޭއީ ފަދަ މެދުއިރުމަތީގެ ގައުމުތަކުން ވަނީ އޭނާގެ ސަރުކާރާއި ގުޅުން ބަދަހިކުރަން މަސައްކަތް ކޮށްފައެވެ.

ގަތަރުގެ ފޮރިން މިނިސްޓަރ ވިދާޅުވީ ސީރިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަަތައް ހައްލުކުރުމުގައި އެގައުމުގެ ރައްޔިތުންނަށް ފައިދާކުރުވަނިވި ސިޔާސީ ހައްލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ސީރިއާ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް އަދިވެސް ޖަރީމާތައް ހިންގާ ކަމަށާއި، އެ ސިޔާސަތުތަކަށް ބަދަލެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރުދުވަހު ހިނގަމުންދިޔަ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ އެތައް ހާސް ބަޔަކު މަރުވެ، 11 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. ސީރިޔާ ސަރުކާރުން ބުނަނީ ވޭތުވެދިޔަ އަހަރުތަކުގައި ހަނގުރާމައެއްގެ ތެރޭގައި އެ ގައުމު އޮވެ، ގިނަ ބަޔަކަށް ގެއްލުންވެފައިވީ ނަމަވެސް، ހަރުދަނާ ސިޔާސަތުތަކަކާއެކު އެ ގައުމު ހިންގިފައިވާކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކުވައިދޭ ކަމަށެވެ.