ތައިވާނުގައި ހަމަޖެހުމާއި އަމާންކަން ގާއިމްކުރުމަށް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑެ ޝުގާ އާއި ޔޫރަޕިއަން ޔޫނިއަން ލީޑަރުން ގޮވާލައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މީޝެލް އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސުލާ ވޮން ޑާ ލެޔެން ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝުގާ އާއި ބައިވެރިވެ، އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމާ ގުޅިގެން މަޝްވަރާކޮށް، އަމާން ސަރަހައްދަކަށް ހަދައި، އިންޑޯ-ޕެސިފިކް ސަރަހައްދު ހުޅުވާލާނެ ކަމަށް ވައުދުވެފައެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، ތައިވާނާއި ގުޅޭގޮތުން އީޔޫ އާއި ޖަޕާނުން މަޝްވަރާކުރި މިއީ ފުރަތަަމަ ފަހަރެެވެ.

ޝުގާ އާއި އީޔޫ ލީޑަރުން ވަނީ ކަނޑުގެ ސަރަހައްދުތަކުގައި ޗައިނާއިން ނުފޫޒު ފޯރުވަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ބެއިޖިންގްއިން ޖަޕާނުގެ ވެރިކަމުގެ ދަށުގައި އޮންނަ ސެންކާކޫ އައިލެންޑާއި ތައިވާނަށް ދަނީ ނުފޫޒު ފޯރުވަމުންނެވެ. ޗައިނާއިން ދަނީ ކޯސްޓްގާޑް އުޅަނދުތައް ފޮނުވައި އެރަށް ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ނުފޫޒު މުޅި ސައުތް ޗައިނާގެ ކަނޑާއި، ތައިވާން، ވިއެޓްނާމް، މެލޭޝިއާ، ފިލިޕީންސް އަދި ބްރުނެއީ ފަދަ ޓެރިޓަރީ ތަކަށް ވެސް ދަނީ ނުފޫޒު ފޯރުވަމުންނެވެ.

އީޔޫގެ ލީޑަރުން ވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓޯކްޔޯ އޮލިމްޕިކްސް ކޮވިޑާ ގުޅިގެން އެކުލަވާލައިފައިވާ ގަވާއިދުތަކާ އެއްގޮތުގެ މަތިން ކުރިޔަށް ގެންދިޔުމަށް ހިތްވަރު ދީފައެވެ.

އޭގެ އިތުރުން ޝުގާ އާއި އީޔޫގެ ލީޑަރުން ވަނީ ފިނި ހޫނުމިނަށް އަންނަ ބަދަލުތަކާއި، 2050 ވަނަ އަހަރަށް ތައްޔާރުވެ ނުރައްކާތެރި އެއްވެސް ގްރީންހައުސް ގޭހެއް ބޭރުނުކުރާ ގައުމަކަށް ހެދުމާއި، އިތުރު ވަޒީފާތަކެއްގެ ފުރުސަތު ހުޅުވާލުމުގެ މަޝްވަރާތަކެއް ވެސް ކޮށްފައެވެ.