އިނގިރޭސި ވިލާތަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

ސައިންސުވެރިން ބުނާ ގޮތުގައި އިނގިރޭސި ވިލާތުން ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.

ޔުނިވަރސިޓީ އޮފް ކެމްބްރިޖް ގެ ޕްރޮފެސަރު ރާވީ ގުޕްތާ ބުނާގޮތުގައި ކޮވިޑުގެ ވޭދަނަތައް މަދުން ފެނުނު ކަމުގައި ވިޔަސް އިންޑިއާގެ ވޭރިއެންޓުގެ ސަބަބުން ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ނިމުމަކަށް ގެންނަން ޖޫން މަހުގެ 21 ވަނަ ދުވަހު ނިންމާފައިވާއިރު އެ ނިންމުން ފަސްކުރުމަށް ޕްރޮފެސަރު ވަނީ ގޮވާލައިފައެވެ.

އާދީއްތަ ދުވަހު އެކަނިވެސް އިނގިރޭސި ވިލާތުން ތިންހާހަށް ވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ބީބީސީ ރޭޑިއޯ 4 އަށް ދިން އިންޓަވިއުއެއްގައި ޕްރޮފެސަރު ރާވީ ގުޕްތާ ބުނީ ތިންވަނަ ރާޅު އިނގިރޭސި ވިލާތަށް އަރާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށާއި މިހާރު ކޮވިޑް ވޭދަނަތައް ކުރިޔަށްވުރެ މަދުވެފައިވަނީ ބާރުގަދަ ވޭރިއެންޓެއް އުފެދެމުން އަންނާތީ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ޖެހިގެން މަރުވާ މީހުން އަދަދު ވެސް އިންތިހާއަށް އިތުރުވިއެވެ. އެ ގައުމުގެ ސަރުކާރުން ވަނީ ވަގުތުން ކޮވިޑް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ.

ނަމަވެސް އާ ވައިރަސް(އިންޑިއާގެ ވޭރިއެންޓް) ވެސް އިނގިރޭސި ވިލާތުން ފެންނަން ވަނީ ފަށައިފައެވެ.