ކޮވިޑް-19ގެ ސަބަބުން ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން އެގައުމުން ނިންމައިފިއެވެ.

ބެންކޮކްގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެމުން އަންނާތީ އެގައުމުގެ ސަރުކާރުން ވަނީ މަސާޖު ޕާލާ، ކްލިނިކްތައް، ޕާކު، ސިނެމާ، ޖިން، ސްކޫލްތައް ބަންދު ކޮށްފައެވެ. އެހެން ނަމަވެސް ބަލި ޖެހޭ މީހުންގެ އިންސައްތައް ދަށްވުމާއި އެކީ އެގައުމުގެ ސަރުކާރުން ވަނީ މަސާޖު ޕާލާތަކާއި، ޕާކު އަދި ކްލިނިކްތައް ހުޅުވަން ނިންމާފައެވެ.

އެހެން ނަމަވެސް ސްކޫލްތަކާއި ސިނެމާ ފަދަ ތަންތަން އަދިވެސް ބަންދު ވާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ތައިލޭންޑުގައި ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އިންސައްތަ ދިޔައީ އިތުރުވަމުންނެވެ. އެގައުމުން އެންމެ ގިނަ މީހުން އެއްދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 9،635 މީހުންނެވެ.

ބެންކޮކްގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ލުއިތައް ދީފައިވަނީ ބަލީގެ ވޭދަނަތައް ދަށްވަމުން އަންނަ ސަރަހައްދުތަކުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އާއްމުންނަށް ހަރުކަށި ފިޔަވަޅުތަކުގައި ވެސް ވަޒީފާއަށް ދެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ތައިލޭންޑުން މިހާތަނަށް 159،792 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެގައުމުން ބަލި ޖެހިގެން 108،345 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލީގައި އެގައުމުން 1،031 މީހަކު ވަނީ މަރުވެފައެވެ.