ޗައިނާގައި ކުދިން އުފަންވާ މިންވަރު ދަށްވުމާއި ގުޅިގެން އެގައުމުގައި ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހޯދުން ހުއްދަކުރަން ނިންމައިފިއެވެ.

އަހަރުތަކެއް ވަންދެން ދެމަހެއްޓި ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއަކަށް ވުރެ އިތުރަށް ކުދިން ހޯދުން މަނާކުރާ ގާނޫނަށް 2016 ވަނަ އަހަރު ބަދަލު ގެނެވުނެެވެ. އެގައުމުގައި ކުދިން އުފަންވާ ވަރު މަދުވެ، ދުވަސްވީ މީހުން ގިނަވުމުން ގާނޫނަށް ގެނައި މި އިސްލާހުގައި ބުނެފައިވަނީ ކޮންމެ ދެމަފިރިއަކަށް ދެ ކުދިން ހޯދުން ހުއްދަ ކަމަށެވެ. އެ ބަދަލުން ވެސް ކުދިން އުފަންވާ މިންވަަރަށް ބޭނުންވާ ބަދަލެއް ނުގެނެވުނެވެ.

މި ފަހުން ނިންމާފައިވާ ނިންމުމަކީ ޗައިނާގެ ރައީސް ޒީ ޖިންޕިންގް ހުއްދަ ދީގެން ފާސްކޮށްފައިވާ ނިންމުމެކެެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގައި ދަރިން ހޯދާ މިންވަރު ކޮންޓްރޯލް ކޮށްފައިވަނީ އެގައުމުގެ އާބާދީ ހަލުވިކަމާއި އެކު އިތުރުވަމުން އަންނާތީއެވެ.

ނަމަވެސް، އާބާދީ ކޮންޓްރޯލް ކުރުމުން ވަކި ހިސާބަކުން އެގައުމުގައި މަސައްކަތް ކުރާ އުމުރުގެ މީހުން މަދުވެ، އުމުރުން ދުވަސްވީ މީހުން ގިނަވާން ފެށިއެވެ. އެހެން ކަމުން، އެގައުމުގެ ސަރުކާރުން ނިންމަނީ ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހޯދުމުގެ ހުއްދަކުރުމަށެެވެ.

މިދިޔަ އަހަރު އެގައުމުގައި އުފަންވެފައިވަނީ 12 މިލިއަން ކުދިންނެވެ. އެއީ 1961 ވަނަ އަހަރުން ފެށިގެން އެންމެ މަދުން ކުދިން އުފަންވި އަހަރެެވެ. ޗައިނާގެ އާބާދީ އަކީ 1.4 ބިލިއަން މީހުންނެވެ.

މިދިޔަ އަހަރު ހާމަކޮށްފައިވާ އެގައުމުގެ އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15-0 އަހަރުގެ ކުދިންނަކީ އެގައުމުގެ އާބާދީގެ 17.95 އިންސައްތައެވެ. އަދި އާބާދީގެ 63.35 އިންސައްތަ މީހުންނަކީ 59-16 އަހަރުގެ މީހުންނެވެ. އެގައުމުގެ މުސްކުޅިންގެ އާބާދީ އަށް ބަލާއިރު، 32.2 އިންސައްތަ މީހުންނަކީ 60 އަހަރުން މަތީގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު