މިޔަންމާ އަށް ގެނެސްފައިވާ ފަދަ ބަޣާވާތެއް ގެނެސް އެމެރިކާގެ ވެރިކަމުން ޖޯ ބައިޑެން ބާލަން ޖެހޭކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އަރިސް އެކަކު ކަމަށްވާ މައިކަލް ފްލައިން ބުނެފިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ގައުމީ ސަލާމާއި ގުޅޭ މުޝީރުކަން ކުރި ފްލައިން އެމެރިކާއަށް ބަޣާވާތެއް ގެންނަން ޖެހޭކަމަށް ބުނީ އެމެރިކާގެ ޓެކްސަސްގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު މިޔަންމާގެ ސިފައިން ވަނީ އެގައުމުގެ ސަރުކާރު ވައްޓާލައި، ވެރިކަމާއި ހަވާލުވެފައެވެ. އެއާއިއެކު މިޔަންމާގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ސިފައިން ބާރުގެ ބޭނުން ކުރުމުން 800 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އޭގެތެރޭގައި 40 ކުޑަކުދިން ވެސް ހިމެނެއެވެ. މުޒާހަރާ ކުރި މީހުންގެ ތެރެއިން މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

ފްލައިން ބުނީ އެމެރިކާއަސް ބަޣާވާތް ގެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. "ބަޣާވާތެއް ގެންނަން ނުޖެހޭ ސަބަބެއް ނެތް. ބަޣާވާތަކުން އެމެރިކާގެ ވެރިކަން ބަދަލު ކުރަން އެބަޖެހޭ." ފްލައިން ބުންޏެވެ.

ޓްރަމްޕް ވެރިކަމަށް އައުމުގައި ރަޝިއާގެ ނުފޫޒު އޮތްތޯ ބަލަން ހިންގި ތަހްގީގަށް ދޮގު މައުލޫމާތު ދިން މައްސަލައިގައި 2017 ވަނަ އަހަރު ފްލައިންގެ މައްޗަށް ޖަލު ހުކުމެއް ވެސް އައެވެ. ނަމަވެސް އެމެރިކާގެ ވެރިކަމުން ވަކިވުމުގެ ކުރިން ޓްރަމްޕް ވަނީ ރައީސް އަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން ފްލައިން އަށް އަފްއާއްމު ދީފައެވެ.

އެމެރިކާގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރަންޖެހޭ ކަމަށް ފްލައިން ބުނުމުން އެމެރިކާގެ ގިނަ ބަޔަކު އަންނަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. އެމެރިކާގައި ވެސް 20 ވަނަ ގަރުނުގައި ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ބަޣާވާތް ގެނެސްގެން ދުރުކޮށްފައި ވެއެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކާއި ހިލާފަށް ގައުމުގެ ވެރިކަން ބަޣާވާތް ކޮށްގެން ފަހުގެ ތާރީޚެއްގައި ބަދަލު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު