އިންޑިއާއާ ގުޅުން ބާއްވައި، އެ ގުޅުން ބަދަހިކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ބޭވަފާތެރިވުން ކަމަށް ސިފަކުރައްވާ އެގައުމާ ގުޅުން ބަދަހި ނުކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އިމްރާން ހާން ވިދާޅުވީ އަވަށްޓެރި އިންޑިއާއާ ގުޅުން ބަދަހިކުރުމަކީ ކަޝްމީރުގެ ރައްޔިތުން ކުރިމަތިލަމުންދާ ދަތިތަކާއި، އެ ސަރަހައްދުގައި މަރުވެފައިވާ 100,000 އަށް ވުރެ ގިނަ މީހުންނަށް ކުރެވޭ ބޭ އިހްތިރާމެއް ކަމަށެވެ.

ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރެއްވި ކަމަށާއި، ދެ ފަރާތުން މަޝްވަރާ ކޮށްގެން ކަޝްމީރުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއާ ގުޅުން ބާއްވައި، އެ ގުޅުން ބަދަހިކޮށްފި ނަމަ ޕާކިސްތާނުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބުނު ނަމަވެސް، އެހެން ބައެއްގެ ލޭގެ ބަދަލުގައި އެފަދަ ކުރިއެރުމެއް ޕާކިސްތާނަށް ހޯދަން ބޭނުންނުވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އޮގަސްޓް 5، 2019 ވަނަ ދުވަހު އިންޑިއާއިން ވަނީ އެގައުމުގެ ގާނޫނުތަކަށް ބަދަލުގެނެސް ކަޝްމީރަކީ އިންޑިއާގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އިންޑިއާއިން ވަނީ ކަޝްމީރު ސަރަހައްދު އެއްކޮށް ބަންދުކޮށް، ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަދި މިނިވަންކަމަށް ހުރަސް އަޅާ މުވާސަލާތީ ގުޅުންތަކަށް ހުރަސް އަޅާފައިވެއެވެ. މިއީ ޕާކިސްތާނުން އެއްގޮތަަކަށް ވެސް ރުހޭ ކަމެއް ނޫނެވެ. އެހެން ކަމުން އެ ގައުމުން ވަނީ އިންޑިއާއާއި އެކު އޮންނަ ގުޅުންތައް ހަނިކޮށް، ވިޔަފާރީގެ ގުޅުން ކަނޑާލައިފައެވެ.

1947 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ޕާކިސްތާނާއި މިނިވަންވީންސުރެ ދިޔައީ ހަނގުރާމަ ކުރަމުންނެވެ. އިންޑިއާ އާއި ޕާކިސްތާނުން ދައުވާކުރާ ގޮތުގައި ކަޝްމީރަކީ ދެގައުމުގެ ސަރަހައްދެކެވެ.