ޔޫނިއަން ޓެރިޓަރީގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް ލަކްޝަދީޕް ރައްޔިތުންނާ މަޝްވަރާ ނުކޮށް ފާސް ނުކުރާނެ ކަމުގެ ޔަގީންކަން ޔޫނިއަން ހޯމް މިނިސްޓަރު އަމީތު ޝާހު ދެއްވާފައިވާ ކަމަށް ލަކްޝަދީޕްގެ މަޖިލިސް މެމްބަރު ވިދާޅުވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު އަދި އެންސީޕީގެ ލީޑަރު މުހައްމަދު ފައިޒަލް އިއްޔެ ވަނީ މިނިސްޓަރު ޝާހުއާ ބައްދަލު ކުރައްވައި ޕްރަފުލް ޕަޓޭލް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި، ހުދު އޭނާ ވެސް އެކަމާ ނުރުހޭ ކަމަށް ވިދާޅުވެފައެވެ.

ފައިޒަލް ވިދާޅުވީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅިގެން ލަކްޝަދީޕުގައި ކުރަމުންދާ މުޒާހަރާގެ ހަބަރު މިނިސްޓަރަށް ދެއްވާފައިވާނެ ކަމަށެވެ.

"ޝާހު ކަށަވަރުކޮށްދެއްވި ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ލަކްޝަދީޕަށް ފޮނުވައި އެތަނުގައި ރައްޔިތުންނާ ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކާއި ހިއްސާކޮށް އެކަމާ މަޝްވަރާކުރާނީ. ރައްޔިތުންގެ ރުހުން ހޯދައިގެން ގާނޫނު ފާސް ކުރާނީ" ފައިޒަލް ވިދާޅުވިއެވެ.

މަޖިލިސް މެމްބަރު ފައިޒަލް ވިދާޅުވީ ޕަޓޭލް މަގާމުން ދުރުކުރުމަށް ރައްޔިތުން ގޮވާލަމުންދަނީ އެތަނުގައި ގެރިމަސް މަނާކޮށް، ދެކުދިންނަށް ވުރެ ގިނަ ދަރިން ތިބޭ ނަމަ ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގުން މީހުން މަހުރޫމްވާގޮތަށް ގަވާއިދުތަކެއް އެކުލަވާލައިފައިވާތީ ކަމަށެވެ. އަދި ލަކްޝަދީޕް ޑިވެލޮޕްމެންޓް އޮތޯރިޓީ ރެގިއުލޭޝަނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

ފައިޒަލް ވިދާޅުވީ އޭނާގެ ޕާޓީގެ ރައީސް ނިންމަވާފައިވަނީ ހޯމް މިނިސްޓަރ ޝާހު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާ ލަކްޝަދީޕުގައި ދިމާވެގެން އުޅޭ މައްސަަލަތަކާއި ގުޅިގެން މަޝްވަރާ ކުރައްވަން ކަމަށެވެ.

ވޭތުވެދިޔަ ހަފްތާ ތަކުގައި ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީޕްގެ ރައްޔިތުން ދަނީ އެތަނުގެ ވެރިން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. މިކަން ހިނގަން ފަށާފައިވަނީ އެ ޓެރިޓަރީގެ އައު އެޑްމިނިސްޓްރޭޝަނުން އެމީހުންގެ ސަގާފަތާއި އާދަކާތައް އުވިގެންދާ ފަދަ ގޮތަކަށް ގަވާއިދުތަކެއް އެކުލަވާލުމުގެ ސަބަބުންނެވެ.

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނިސްބަތްވާ ޕްރަފުލް ޕަޓޭލް ލަކްޝަދީޕްގެ ލީޑަރަަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވުމާއި އެކު، އެތަނުގައި އައު ގަވާއިދުުތަކެއް އެކުލަވާލުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނަމުންދަނީ ލީޑަރު އެކުލަވާލައިފައިވާ ގަވާއިދުތަކަކީ އެމީހުންނަށް ގެއްލުންވާ، އެ ބިމުގެ މިލްކުވެރިކަމާއި، ސަގާފަތަށް އަދި އެ ރަށްތަކުގެ ރީތިކަމާއި ހިތްފަސޭހަކަން ގެއްލިދާނެ ފަދަ ގަވާއިދުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .....

    ވަރަށް ނުރައްކާ ހިޔަޅު ވިސްނުމެއް މީ....ހިޔާލު ހޯދާ ރުއްސަން ޖެހޭ ކަމެއްވެސް ނޫން އެއީ

  2. އހ

    🤞ހިމެނޭ އިންޑިއާގެ ލަކްޝަދީޕްގެ ރައްޔިތުން ދަނީ އެތަނުގެ ވެރިން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. މިކަން ހިނގަން ފަށާފައިވަނީ އެ ޓެރިޓަރީގެ އައު އެޑްމިނިސްޓްރޭޝަނުން އެމީހުންގެ ސަގާފަތާއި އާދަކާތައް އުވިގެންދާ ފަދަ ގޮތަކަށް ގަވާއިދުތަކެއް އެކުލަވާލުމުގެ ސަބަބުންނެވެ.