މެލޭޝިއާ ބޮޑުވަޒީރު މުހިއްދީން ޔާސިން އާއި ކެބިނެޓުގެ އިތުރު މިނިސްޓަރުން ޖޫން މަހުން ފެށިގެން ތިންމަސް ވަންދެން މުސާރަ ނުނަންގަވާނެކަން އިއުލާން ކޮށްފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ކޮވިޑް-19ގެ ބިރުބޮޑުވެ، ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި އެކުގައި ތިބިކަން ދައްކުވައިދިނުމުގެ ގޮތުންނެެވެ.

މުހިއްދީން ޔާސިން ވިދާޅުވީ މުސާރަ އެބޭފުޅުން ބޭނުންކުރުމުގެ ބަދަލުގައި އެ ފައިސާ ހަދިޔާކުރައްވަނީ ކޮވިޑް-19 އާއި ގުޅިގެން ހުރި ހަރަދުތައް ކުރުމަށް ނޭޝަނަލް ޑިޒާޒްޓާ ރިލީފް ޓްރަސްޓް ފަންޑަށް ކަމަށެވެ. އޭގެން ދައްކުވައިދޭން ބޭނުންވަނީ ސިއްހީ ހިދުމަތްތެރިންނާއި، ފްރޮންޓް ލައިނުގައި މަސައްކަތްކުރާ މީހުން އަދި ރައްޔިތުންނާއި އެކުގައި މިނިސްޓަރުން ތިބިކަމެވެ.

މިދިޔަ އަހަރުވެސް ކޮވިޑް ފެތުރެން ފެށުމާއި އެކު ކެބިނެޓުގެ މިނިސްޓަރުންނާއި ޑެޕިއުޓީއިން ވަނީ ދެމަސް ދުވަހުގެ މުސާރަ ސަރުކާރުގެ ކޮވިޑް-19 ފަންޑަށް ހަދިޔާ ކުރައްވާފައެވެ.

މެލޭޝިއާ ބޮޑުވަޒީރު ވިދާޅުވީ ޕުޓްރާޖާޔާގައި މިވަގުތު ހަރަދުތައް ކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، ނަމަވެސް ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގައުމު ފުރަބަންދު ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުރަންޖެހިފައިވާ ކަމަށް ވީތީ ފުރަބަންދު ކުރީ ކަމަށް ވިދާޅުވިއެވެ.

"ފުރަބަންދު ކޮށްގެން ވިޔަސް ކޮވިޑުން ސަލާމަތްވެ ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނުދެވޭނެ. ސަރުކާރުން ވާނީ ރައްޔިތުން ބޭރަށްނުކުމެ އާއި އެއްވެ އުޅުން ވީހާވެސް މަދުވާނެހެން ހުރިހާ ކަމެއް އިންތިޒާމް ކޮށްފަ. ހުރިހާ އެންމެން ވެސް ގޭގަ ތިއްބަަވާ. ރައްޔިތުން ކަނޑައެޅިފައިވާ ގަވާއިދުތަކަށް އަމަލުނުކުރާނަމަ ސަރުކާރުން މަސައްކަތް ކުރިކަމުގައި ވިޔަސް ކާމިޔާބެއް ނުލިބޭނެ" ގައުމާއި މުހާތަބުކުރައްވާ ބޮޑުވަޒީރު ޔާސިން ވިދާޅުވިއެވެ.

އެގައުމުން މިހާތަނަށް 572000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދަކީ 2،796 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟމ

    މިތަނުގަ 3 އަހަރު އިތުރަށް ނަގާނީ، އެމީހުން އެއުޅެނީ ލިބޭ އެއްޗަކުން ދެކޮޅު ނިޖެހިގެން ދެން ކިހިނެއް ތިގޮތަށް ވާނީ

    11
  2. ދަރަނި ދަންތުރަ

    ކޮބާ ރާއްޖޭ ގުރޫޕު މަޖިލީހު މެންބަރުން