ބަންގަލަދޭޝްގައި 70 މިނިކާވަގު މަރާލި މީހަކު ހައްޔަރު ކޮށްފިއެވެ.

އެގައުމުގެ ފުލުހުންނާއި ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާގޮތުގައި، އޭނާ 70 މިނިކާވަގު މަރާލާފައިވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައެވެ. އޭނާ އެންމެ ފުރަތަމަ މިނިކާވަގެއް މަރާފައިވަނީ އުމުރުން 20 އަހަރުގައެވެ.

މިނިކާވަގު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 50 އަހަރުގެ ހަބީބް ޓަލުޑާ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް މީހުން ކިޔަމުން އައިސްފައިވަނީ ޓައިގާ ހަބީބް އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ މަރަމުން އައިސްފައިވަނީ އިންޑިއާއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ މެންގްރޫވް ވަލު ތެރޭގައި އުޅެމުން އަންނަ މިނިކާވަގުތައް ކަމަށެވެ. އެތަނަކީ އެއީ ގިނަ އަދަދަކަށް މިނިކާވަގު އުޅެމުން އަންނަ ތަނެކެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ އެކަން ކުރަން ފަށާފައިވަނީ އެންމެ ފުރަތަމަ މާމުއި ހޯދަން ވަލު ތެރެއަށް ވަދެ އުޅުމުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ވަނީ ބުޅާ ފަދަ ތަކެތި މަރައި އެތަކެތީގެ ހަމާއި ކަށިތައް ކަޅު ބާޒާރުގައި ވިއްކަން ފަށާފައެވެ. އެކަން ހުއްޓާލުމަށް ފަހު އޭނާ ފެށީ މިނިކާވަގުތައް މެރުމަށެވެ.

އެސަރަހައްދުގައި އުޅެމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ އުޅޭ ގޮތުން ބައެއް ފަހަރު އެމީހުން އޭނާ ދެކެ ޖެހިލުންވާ ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެންމެން ވެސް ގަދަރު ކުރާ ކަމަށެވެ.

އެގައުމުގެ މީހުން ގަބޫލު ކުރާ ގޮތުގައި އޭނާ އެވިޔާފާރި ކުރަމުން އަންނަނީ ގްރޫޕެއްގެ ބަޔަކާއި ގުޅިގެންނެވެ.