ޗައިނާގައި ތައްޔާރުކުރި ދެވަނަ ކޮވިޑް-19 ވެކްސިން ސިނޮވެކް ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފިއެވެ.

އދގެ ސިއްހީ އިދާރާއިން ސިނޮވެކްއިން ތައްޔާރުކުރި ކޮވިޑް ވެކްސިން ހިމަނާފައިވަނީ ރައްކާތެރި ވެކްސިން ކެޓެގަރީގައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ ޗައިނާގައި އައު ވެކްސިނެއް އުފެއްދުމުން މަރުހަބާ ކިޔާފައެވެ. އޭނާ ވިދާޅުވީ އެ ވެކްސިނަކީ ރައްކާކުރަން ފަސޭހަ ވެކްސިނަކަށް ވާތީ މާލީ ގޮތުން އެހާ ތަނަވަސް ނޫން ގައުމުތަކަށް އެއީ އެންމެ ރަނގަޅު ވެކްސިނަށް ވެގެންދާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުމާއި އެކު ގައުމުތަކަށް ވެކްސިން ފޮނުމުގައި ފަސޭހަތަކެއް ލިބިގެން ދާނެއެވެ. ހާއްސަކޮށް އަމިއްލައަށް ވެކްސިނުގެ ކޮލިޓީ ބެލެން ނުހުންނަ ގައުމުތަކަށެވެ.

މިހާތަނަށް ކޮވިޑުން ދިފާއުވުމަށް ބޭނުންކުރުމަށް ޑަބްލިއުއެޗްއޯ އިން ހުއްދަދީފައިވަނީ ފައިޒާ، މޮޑާނަ، ޖޯންސަން އެންޑް ޖޯންސަން އަދި އިންޑިއާ، ދެކުނު ކޮރެއާ އަދި ޔޫރަޕިއަން ޔޫނިއަންގައި ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިނަށެވެ.

ތަޖުރިބާކާރުން ބުނެފައިވަނީ ޗައިނާގައި ތައްޔާރުކުރި ސިނޮވެކް ވެކްސިން ބޭނުންކުރަން އެންމެ ރަނގަޅީ 18 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖަހަން ވާނީ ފުރަތަމަ ޑޯޒް ޖަހާތާ 4-2 ހަފްތާ ފަހުން ކަމަށް ބުނެފައިވެއެވެ. ދުވަސްވީ މީހުންނަށް ވެސް މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ތަހުލީލްތަކުން ދައްކާތީ ވަކި އުމުރަކަށް ވުރެ މަތީގެ މީހުންނަށް ސިނޮވެކް ވެކްސިން ނުޖަހާގޮތަށް ކަނޑައެޅިފައެއް ނުވެއެވެ.

ޗައިނާގައި އުފެއްދި ފުރަތަމަ ކޮވިޑް ވެކްސިން ސިނޮފާމްއަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވަނީ މޭ މަހުގެ 7 ވަނަ ދުވަހުއެވެ.

އޭއެފްޕީ ނޫސް އެޖެންސީއިން ރިޕޯޓުކުރާ ގޮތުން މިހާރު ދުނިޔޭގެ 22 ޓެރިޓަރީއެއްްގައި ދަނީ ސިނޮވެކް ވެކްސިން ދެމުންނެވެ. އޭގެ ތެރޭގައި ބްރެޒިލް، އިންޑޮނޭޝިއާ، މެކްސިކޯ، ތައިލެންޑް އަދި ތުރުކީ ހިމެނެއެވެ.