ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގޮނޑުދޮށަށް ގިނަ އަދަދަކަށް މޫދު ކޮކާތައް ލައްގަން ފަށައިފިއެވެ.

ދުބާީގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ މޫދު ކޮކާތައް ލައްގަމުންދާ ކަން ހާމަކޮށް ދުބާއީ މުނިސިޕަލް އިން ބުނީ މި ތަކެއްޗަކީ އެއްވެސް ގޮތަކަށް ނުރައްކާތެރި އަދި ގެއްލުމެއްވެސް ދެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ގިނަ އަދަދަކަށް މޫދު ކޮކާތައް ދުބައީ ގޮނޑުދޮށުން ފެންނަމުންދާ އިރު މިފަދަ ކޮކާތަކެއް މީގެ ކުރިންވެސް ދުބައީ ގޮނޑުދޮށުން ވަނީ ފެނިފައެވެ.

މޫދު ކޮކާތައް ގޮނޑުދޮށައް ލައްގަނީ ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ބާރަށް ވައިޖެހުން އަދި މިތަކެއްޗަށް ބޭނުންވާ ކާނާ ލިބުން ދަތިވުމާ ގުޅިގެންނެވެ.

އިންސާނުންނަށް ގެއްލުމެއް ނުދެވުނު ކަމުގައި ވިޔަސް މިތަކެތި ގައިގައި ތަތްވުމުން ނައްޓަން އުނދަގޫ ވެއެވެ. އެއީ މިތަކެއްޗަކީ ވަރަށް ކުޑަ އެއްޗަކަށްވާތީ ކަމަށް ދުބައީ މުނިސިޕަލް އިން ބުނެއެވެ.

މޫދު ކޮކާގެ ހުންނަނީ ދިގު ނަގުލެއް ލައިފައެވެ. މިތަކެތި އެންމެ ދިގުވާނީ 7.15 މިލިމީޓަރާއި 13.2 މިލިމީޓަރަށެވެ. މި ކޮކާގެ ހަށިގަނޑު ހުންނަނީ ތިނޯސް ޒާތުގެ ތޮށިގަނޑަކުން ރައްކާކުރެވިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޮނޑުދޮށުގައި މި ކޮކާތައް ނުތިބޭނެ ކަމަށް ބުނާއިރު މިތަކެތި ހިކި ވެލީގައި ޖެހި އިރުގެ އަލިކަމާއެކު މަރުވެދާނެއެވެ. ކަނޑުގެ ދިރުންތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ކޮކާތައް އާންމުކޮށް އުޅެނީ ފިނި ފެން ހުންނަ ތަންތަނުގައެވެ.

މެއި 15 ވަނަ ދުވަހު ވެސް މިފަދަ ދިރުންތަކެއް ދުބައީގެ ގޮނޑުދޮށުން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު