ބަންގްލަދޭޝް ސަރުކާރުން ރޮހިންޔާ މުސްލިމުން އާބާދުކޮށްފައިވާ ބަޝަން ޗާރުގައި ދިރިއުޅުމުގެ ހާލަތު ގޯސްކަމުން އެމީހުން މުޒާހަރާ ކޮށްފިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ އެގެއުމަށް ހިޖުރަ ކޮށްފައިވާ 18،000 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަޝަން ޗާރުގައި ވަޒަންވެރި ކުރުވަން ފަށާފައެވެ. އަދި 100،000 އިތުރު ރެފިއުޖީން އެރަށަށް ބަދަލުކުރަން ނިންމާފައެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރޮހިންޔާ މުސްލިމުން ވަޒަންވެރިކުރުވާފައިވާ ރަށަކީ ފެންބޮޑުވުމުގެ ހާދިސާތަކާއި، ވައިގެ ތޫފާންތައް ވަރަށް ގިނައިން ދިމާވާ ސަރަހައްދެކެވެ. އެތަނުގައި މިހާރު ވެސް 850،000 މީހުން ދިރިއުޅެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ބައެއް ސަރަހައްދުތަކުގައި ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދަނީ ތޮށްޖެހިގެން ދަތި ހާލުގައެވެ. އެމީހުން ބަންގްލަދޭޝްއަށް ހިޖުރަކުރަން މެދުވެރިވީ 2017 ވަނަ އަހަރު މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދޭން ފެށުމުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރޮހިންޔާ މުސްލިމުން މުޒާހަރާ ކޮށްފައިވަނީ އދ.ގެ ރެެފިއުޖީންނާ ބެހޭ އިދާރާއިން އެ ރަށުގެ ހާލަތު ބަލަން ޒިޔާރާތް ކުރުމުންނެވެ. މުޒާހަރާގައި ހަތަރު ހާހަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އދގެ ޓީމު އެރަށަށް އައުމުން ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރިޕޯޓުކޮށްފައިވާ ގޮތުން އެމީހުން ވަނީ އެރަށުގައި ދިރިއުޅެން ބޭނުންނުވާ ކަމަށް ބުނެ މުދާ ރައްކާކުރާ ގުދަނެއްގެ ބިއްލޫރިތައް ގާއުކައިގެން ތަޅައިފައެވެ.

އިންސާނީ ހައްގުތައް ހޯދަން ވަކާލާތުުކުރާ ގުރޫޕުތަކުން ބުނަމުންދަނީ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކޮށް، އެތައް ބަޔަކަށް އަނިޔާލިބިފައިވާ ކަމަށެވެ. ނަމަވެސް، ފުލުހުން ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ.