އިންޑިއާގައި ކޮވިޑް-19 ޖެހިގެން 20 ދުވަސް ތެރޭގައި އެއް އާއިލާއެއްގެ އަށް މީހުން މަރުވެއްޖެއެވެ.

އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓުތަކެއް ފެތުރި، އެތައް ލައްކަ ބަޔަކަށް ބަލި ޖެހި، އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި މަރުވާ މީހުންގެ އެކި ވާހަކަތައް އަޑުއިވެމުންދާ އިރު ދާދިފަހުން މިވަނީ އެންމެ 20 ދުވަސް ތެރޭގައި އެއް އާއިލާއެއްގެ އަށް މީހުން މަރުވެފައެވެ.

އަށް މީހުންގެ އާއިލާގެ އިސްކޮށް ހުރި އޮމްކަރް ޔަދަވް ބުނީ އޭނާގެ އާއިލާ އިން ހަތް މީހުން އޭޕްރީލް 25 އިން މެއި 15 އާއި ދޭތެރޭ މަރުވި ކަމަށެވެ. އަދި އެ ހިތާމައަށް ކެތް ނުކުރެވި އުޅެނިކޮށް އާއިލާގެ އަށްވަނަ މީހާވެސް މަރުވެފައިވާކަމަށް އޭނާ ބުނެއެވެ.

ޔަދަވް ބުނީ އޭނާގެ އާއިލާއިން މަރުވީ ހަތަރު ފިރިހެނުންނާއި ހަތަރު އަންހެނުން ކަމަށެވެ. އަންހެނުންގެ ތެރޭގައި މަންމަ އާއި ބޮޑުދައިތަވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އެ އާއިލާއިން އެންމެ ފަހުން މަރުވީ ޔަދަވްގެ ބޮޑުދައިތައެވެ. ބޮޑުދައިތަ މަރުވެފައިވަނީ ކުއްލިއަކަށް ލިބުނު ޝޮކެއްގައި ހިތް ހުއްޓިގެންނެވެ.

ޔަދަވް ބުނީ އެއް ދުވަސްތެރޭގައި އޭނާގެ އާއިލާގެ ހަތަރު މީހުން ވަޅުލަން ޖެހުނު ކަމަށެވެ. އެއީ ހެނދުނު އޭނާގެ މަންމަ އަދި ހަވީރު އެ އާއިލާގެ ހަތަރު ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.

އާއިލާއިން މަރުވި މީހުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ޔަދަވަ ބުނާއިރު އޭނާ ބުނީ ހޮސްޕިޓަލުން އެމީހުންނަށް އެއްވެސް ފަރުވާއެއް ހޯދައިނުދޭ ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެމީހުން ދިރިއުޅޭ ވިލެޖަށްވެސް ނުދާކަމަށް އޭނާ ބުންޏެވެ.

ޔަދަވް ބުނީ ގޭގައި ތިބި ކުޑަކުދިންތައް ގެ ކައިރީ ގެތައްކަށް ފޮނުވާފައިވާ ކަމަށާއި އެއީ އާއިލާގެ މީހުން އެއްފަހަރާ މަރުވުމުން އެ ކުދިންނަށް އެކަން ދައްކަން ޖެހިލުންވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު