އިސްރާއިލުން 11 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި ގެދޮރަށާއި، ސުކޫލުތަކަށާއި، ހޮސްޕިޓަލުތަކަށާއި އެހެނިހެން އިމާރާތްތަކަށް ގެއްލުންވެފައިވާ މިންވަރު ބެލުމަށް އދ.ގެ ރެޑް ކްރޮސް ޓީމަކުން ޣައްޒާއަށް ޒިޔާރާތް ކުރިއެެވެ.

އިސްރާއިލުގެ ވަރުގަދަ ހަމަލާތައް މޭ 10 ވަނަ ދުވަހު ފެށިއެވެ. އެހަމަލާ ތަކުގައި ފަލަސްތީނުގެ 254 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ސިއްހީ އިދާރާއިން ރިޕޯޓު ކުރެއެވެ.

އިއްޔެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީން ޓެރިޓަރީގައި ސިއްހީ ފަރުވާ ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. 77،000 މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވާއިރު، 30 ސިއްހީ މަރުކަޒެއް ވަނީ ހަލާކުވެފައެވެ.

އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީން ރައްޔިތުންގެ ޓެރިޓަރީގައި ސިއްހީ ފަރުވާއަށް ބޭނުންވާ 200،000 މީހަކަށް އެ ފަރުވާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ފަލަސްތީންގެ ހާލަތު ވަރަށް ގޯސްކަމާއި، ޣައްޒާ އާރާސްތުކުރުމުގެ އިތުރުން އިންސާނީ އެހީތެރިކަން ހޯދުމަށް ސަޕްލައި އާއި މުވައްޒަފުން ޣައްޒާއަށް ހޯދުމަށް ޑަބްލިއުއެޗްއޯއިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.

މިހާތަނަށް ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ) އިން 16 (ސޯޅަ) މިލިއަން ޑޮލަރު ހަދިޔާ ކޮށްފައިވެއެވެ.

11 ދުވަހުގެ ހަމަލާތަކުން ގެއްލުންވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އަހަރުތަކެއް ބޭނުންވާނެ ކަމަށާއި، މިވަގުތައް ޒަރޫރީ ބޭނުންތައް ފުއްދުުމުގައި އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް އައިސީއާރްސީއިން ބުނެފައިވެއެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އދގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.