ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވާ ޗައިނާގައި ވެސް އިންޑިއާ ވޭރިއަންޓްގެ ކޮވިޑް ނުވަތަ މިހާރު ޑަބްލިއުއެޗްއޯ އިން ޑެލްޓާގެ ނަން ދީފައިވާ ވޭރިއަންޓް ފެތުރެމުން ދާތީ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ގުއަންޒޯގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އިންޑިއާ ވޭރިއަންޓް ފެނިފައި ވަނީ ހަމައެކަނި ގުއަންޒޯ އިންނެވެ. 15.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގުއަންޒޯގައި އިންޑިއާ ވޭރިއަންޓް ފެތުރެމުން އަންނާތީ މިހާރު މުޅި ސިޓީގެ ބޮޑު ބައެއް ވަނީ ފުރަބަންދު ކޮށްފައެވެ. އަދި ސިޓީއަށް ދަތުރު ކުރަން ޝެޑިއުލް ކޮށްފައިވާ ފްލައިޓްތައް ވަނީ ކެންސަލް ކޮށްފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި އިންޑިއާ ވޭރިއަންޓް ފެތުރެން ފެށުމުން ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ޖެހިގެން އަންނަ ދުވަހު އަންނަނީ ދެގުނަ ވަމުންނެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް ޓެސްޓް ކުރުން އިތުރުކޮށް އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ގުއަންޒޯގެ މުނިސިޕަލް ހެލްތ ކޮމިޝަންގެ ޑިރެކްޓަރ ހުއަންގް ވިދާޅުވީ ކޮވިޑްގެ އާވޭރިއަންޓް ކޮންޓްރޯލް ކުރުމަށް ކުރިއަށް ވުރެ ވެސް ޗައިނާގެ ހަރަކާތްތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. "މިއީ މާއަވަހަށް މާފަސޭހައިން ފެތުރޭ ވޭރިއަންޓެއް. އެހެންކަމުން މިވޭރިއަންޓް ކޮންޓްރޯލް ކުރުމަށް އަހަރެމެންގެ ހަރަކާތްތައް ވެސް ވަރަށް ބޮޑަށް އަވަސް ކުރަންޖެހޭ،" ހުއަންގް ވިދާޅުވިއެވެ.

ގުއަންޒޯ އިން ބޭރަށް އެއްވެސް މީހަކު ދަތުރު ކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. އެއީ އެހެން ސަރަހައްދުތަކަށް ބަލި ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކައެވެ.

2019 ވަނަ އަހަރު ފުރަތަމަ ޗައިނާ އިން ކޮވިޑް ފެނުމާއިއެކު ވެސް ބަލި ކޮންޓްރޯލް ކުރީ ފުރަބަންދުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ޗައިނާގެ އެކި ސަރަހައްދުތަކުން ކޮވިޑް ފެނެއެވެ. ނަމަވެސް ބަލި ފެނުމާއިއެކު އެސަރަހައްދެއް ފުރަބަންދުކޮށް ޓެސްޓް ކުރުން އިތުރުކޮށް، ޗައިނާ އިން އަންނަނީ ބަލި އެހެން ސަރަހައްދުތަކަށް ފެތުރުން ހުއްޓުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ މީހާ

    އިންޑިއާ އެތި ތަހުގީގު ކުރަން އަންނިއާއި ހަވާލުކުރަން އެބަޖެހޭ މޯދީ އުފެއްދި އެއްޗެއްތޯ ބަލަން ދެން އޭގެ ރިޕޯޓް ލިބުނީމަ އިސްތިއުފާ ދޭނީ

    8
    1
  2. ގެރިލޯބި

    އިންޑިއާވޭ ރިއެންޓަކީ އިންޑިއާގެ އުފެއްދުމެއް.. ވައި ރަސްލީކުވީ އިންޑިއާގެ އޮޑިއްސާގަހު ރި ލެބޯޓަ ރީއަކުން

  3. ހައި

    މިހާރު އިންޑިއާއިން ބޭނުންވާނެ ޑެލްޓާއޭ ނުކިޔައި އިންޑިއާ ވޭރިއަންޓޭ ކިޔަން. އެއީ ޗައިނާ އަށް ވެރިވެގަންނަ އެއްޗަކީ އިންޑިއާގެ އެއްޗަކަށް ވުމަކީ އެމީހުންނަށް ލިބޭނެ ފަޚުރަކަށްވާނެތީ.