ކޮވިޑް-19ގެ ސަބަބުން އިންޑޮނޭޝިއާގެ ރައްޔިތުންނަށް މި އަހަރުވެސް ހައްޖަށް ނުދެވޭނެ ކަން އެގައުމުން އަންގައިފިއެވެ.

މިއީ އެގައުމުގެ ރައްޔިތުންނަށް ހައްޖަށް ނުދެވޭނެކަން އިއުލާނު ކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެގައުމުގެ ރައްޔިތުންނަށް ހައްޖަށް ނުދެވޭނެ ކަން އެގައުމުން ވަނީ ނިންމާފައެވެ.

"ކުރިމަތިވި އާލަމީވަބާއާއި ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތަށް ސަރުކާރުން ވަނީ މިއަހަރު އެގައުމުގެ ރައްޔިތުން ހައްޖަށް ނުދެވޭނެ ކަމަށް އަނެއްކާ ވެސް ނިންމާފައި" އެގައުމުގެ އިސްލާމިކް މިނިސްޓަރ ޔާގޫތް ޗޮލިލް ގޫމަސް ވިދާޅުވިއެވެ.

އޭނާ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާ އިން ވެސް ހައްޖުގެ އަޅުކަމަށް އަދި ނުހުޅުވާ ކަމަށެވެ.

"އެއީ ހަމަ އެކަނި އިންޑޮނޭޝިއާއެއް ނޫން. އެއްވެސް ގައުމަކަށް ކޯޓާއެއް ނުލިބޭ" އޭނާ ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަންނަ އަހަރު ހައްޖުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ރައްޔިތުން މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރާއިރު، ސައުދީން ވަނީ މުސްލިމުން ހައްޖަށް ދިއުން މިދިޔަ އަހަރުން ފަށައިގެން މަޑުޖައްސާލާފައެވެ. އެއީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަމުން ކަމަށް ސައުދީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މާޗް މަހުގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.