ދިވެހިރާއްޖެ އިން ތައިލެންޑަށް ދަތުރުކުރާ މީހުންގެ ތެރެއިން ތައިލެންޑްގެ ރައްޔިތުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް އެގައުމުގެ ބޯޑަރު ބަންދުވާނެކަން އިއުލާންކޮށްފިއެވެ.

ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރެމުންދާ މިންވަރު ބެލުމަށްފަހު ތައިލެންޑުން މިއަދު ނިންމާފައި ވަނީ ރާއްޖެއަށް ދަތުރު ކޮށްފައިވާ ތައިލެންޑްގެ މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުން ރާއްޖެ އިން ފުރިފަހުން 21 ދުވަސް ނުވާނަމަ ތައިލެންޑަށް އެތެރެވުމުގެ ހުއްދަ ނުދޭށެވެ.

އެހެންކަމުން ރާއްޖެއިން ތައިލެންޑަށް ދާން ޖެހޭ މީހުން ފުރަތަމަ ތައިލެންޑްގެ "ގްރީން ލިސްޓް" ގައި ހިމެނޭ ގައުމެއްގައި 21 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެއެވެ.

ތައިލެންޑްގެ ސެންޓަރ ފޯ ކޮވިޑް-19 ސިޗްއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) އިން ބުނީ ރާއްޖެ އިން ތައިލެންޑަށް ދަތުރު ނުކުރެވޭ ގޮތައް އެޅި ފިޔަވަޅަކީ ވަގުތީ ފިޔަވަޅެއް ކަމަށާއި ހާލަތައް އަންނަ ބަދަލަށް ބެލުމަށް ފަހު މިފިޔަވަޅަށް ބަދަލު ގެންނާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ތައިލެންޑް މިހާރު ވަނީ ފަތުރުވެރިންނަށް ވެސް ހުޅުވާލާފައެވެ. ނަމަވެސް ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިން 14 ދުވަސް ވަންދެން ހޮޓަލުގައި ކަރަންޓީން ވާން ޖެހޭނެއެވެ. ތައިލެންޑަށް ދަތުރު ކުރާ މީހުން ކަރަންޓީން ވާން ޖެހޭތީ އެގައުމަށް މާގިނަ ފަތުރުވެރިންނެއް ޒިޔާރަތެއް ނުކުރެއެވެ.

ތައިލެންޑްގައި މިއަހަރުގެ ކުރީކޮޅު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރިއެވެ. ފެބްރުއަރީ މަހު އެގައުމުން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 200 އަށް ވެސް މަދުވިއެވެ. ނަމަވެސް އޭޕްރީލް މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަދު ވެސް ތައިލެންޑުން 3800 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު