އިސްރާއީލްގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުވެ އެހެން ބޮޑުވަޒީރަކު އިސްރާއީލްގެ ވެރިކަމަށް އައިނަމަވެސް އިސްރާއީލްގެ އަނިޔާވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

އިސްރާއީލްގެ ބޮޑުވަޒީރުކަމުން ނަތަންޔާހޫ ދުރުކުރަން މިހާރު އިސްރާއީލްގެ އަށް ސިޔާސީ ޕާޓީއަކުން ވަނީ ކޯލިޝަން ހަދާފައެވެ. އިސްރާއީލްގެ ވެރިކަމަށް ދެން އަންނާނީ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ ނަފްތާބީ ބެނެޓް އެވެ. ބެނެޓް އަކީ ފަލަސްތީނަށް ވަކި ދައުލަތެއް ގާއިމުކުރުމާއި ކަނޑައެޅިގެން ދެކޮޅު ހަދަމުން އަންނަ މީހެކެވެ. އަދި ފަލަސްތީނުގެ ކުޑަކުދިން ވެސް މަރަން އޭނާ އެތައް ފަހަރަކު ގޮވާލާފައި ވެއެވެ.

ނަމަވެސް ވެރިކަމަށް ބެނެޓް އަންނަނީ އަށް ސިޔާސީ ޕާޓީއެއްގެ ތާއީދާއި ކަމަށްވާތީ އޭނާގެ "އަސްލު ސިފަ" ދައްކާލެވިދާނެ ކަމަކަށް ބައެއް ތަޖުރިބާކާރުން ނުދެކެއެވެ.

ފަލަސްތީންގެ ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ތަމްސީލް ކުރައްވާ ބައްސާމް އަލް-ޞާލިހް ވިދާޅުވީ ބެނެޓްގެ އަނިޔާވެރިކަން ނަތަންޔާހޫއަށްވުރެ ވަކިން ކުޑަނުވާނެ ކަމަށެވެ. "ބެނެޓްގެ ވެރިކަމުން ވެސް ފެންނާނީ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން. އިތުރު އެއްޗެއް ފެނިދާނެ ކަމަކަށް އަހަރެމެން އުއްމީދެއް ނުކުރަން." ބައްސާމް ވިދާޅުވިއެވެ.

ހަސާމް ޖަމާއަތުގެ ތަރުޖަމާން ހައްޒާމް ގައްސާމް ވިދާޅުވީ އިސްރާއީލްގެ ވެރިކަން ބަދަލުވުމަކުން އިސްރާއީލްގެ ސިޔާސަތުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އިސްރާއީލްގެ ވެރިކަން އެތައް ފަހަރަކު ބަދަލުވެގެން ދިޔަތަން ފަލަސްތީންގެ ރައްޔިތުން ދެކެފި. އިސްރާއީލްގެ އަނިޔާވެރިކަމަށް އެއްވެސް ބަދަލެއް ނާދޭ. އެހެންކަމުން މިފަހަރު އިސްރާއީލްގެ ވެރިކަން ބަދަލުވި ނަމަވެސް އެއްވެސް ބަދަލެއް އިސްރާއީލްގެ އަނިޔާވެރިކަމަށް ނާންނާނެ." ގައްސާމް ވިދާޅުވިއެވެ.

ފަލަސްތީންގެ ރައްޔިތުން ބުނާ ގޮތުގައި ފަލަސްތީންގެ ރައްޔިތުން ދެކޮޅު ހަދަމުން އަންނަނީކީ ނަތަންޔާހޫގެ ސިޔާސަތުތަކަކާއެއް ނޫނެވެ. ފަލަސްތީން ރައްޔިތުން ދެކޮޅު ހަދަމުން އަންނަނީ އިސްރާއީލްގެ އަނިޔާވެރިކަމާއިއެވެ. އިސްރާއީލްގެ އަނިޔާވެރިކަމާއި އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅު ހެދުންމަތީ އަދިވެސް ދެމިތިބޭނެ ކަމަށް ފަލަސްތީން ރައްޔިތުން ބުނެއެވެ.

އިސްރާއީލްގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ކޯލިޝަނުން ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެފުއްމިޔަ

    މުޅި ސަރަހައްދުގައި މުސްލިމުންގެނަންލިބިފައިވާ
    ޤައުމުތައް. އިޒުރޭލުން ބޭނުންހާ ގޮތަކަށްކަން
    ކުރަނީ އެ އިސްލާމީ ޤައުމުތަކުން އެކަންކަން
    ކުރުމަށް ސަޕޯޓް ދޭތީނޫންތަ ހިތުހުރިގޮތަކަށް ކަންކުރާނީ. ޔަހޫދީންނާއި،ނަޞާރާއިން މުސްލިމުން
    ނާ އެކުވެ ރަގަޅެއްނުވާނެއެވެ.

  2. ޒިމްޒިމް

    ޔަހޫދީން ދުވަހަކުވެސް މުސްލިމުންނަކަށް ހެވެއްނޭނދޭނެ... އެމީހުންގެ ދީންއަށް އެބަޔަކު ނުވަންނަހައި ހިނދަކު .. އެހެންވީމަ ޔަހޫދީން ރުއްސާގެންނެއް މޮޅުތަކެއް މުސްލިމުންނަކަށް ނުލިބޭނެ.. ހުރިހާ މުސްލިމް ޤައުމުތަކެއް އެކުވެގެން ހަނގުރާމަކޮށްގެން ތިބިން މިނިވަންކުރެވޭނީ..