ސީރިއާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތް މެދުވެރިކޮށް އދ ގެ ސަލާމަތީ މަޖިލީހުން ދީފައިވާ ހުއްދަައިގެ މުއްދަތު އިތުރުނުކުރެވިއްޖެ ނަމަ ސީރިއާގެ އެތައް މިލިއަން ރައްޔިތުން ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އދ އިން ބުނެފިއެވެ.

ސީރއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ރައްކާތެރިކަން ހޯދުމަށް އެތަނުގެ ތިން މިލިއަނެއްހައި މީހުން ދިރިއުޅެމުންދަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ކައިރިއެވެ. އެ ސަރަހައްދަކީ ސީރިއާގެ ރައީސް ބަޝަރު އަލް-އަސަދުގެ ސަރުކާރުގެ ބާރު ނުފޯރާ ސަރަހައްދެކެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީއިން ސީރީއާ އަށް ދެވެން އޮންނަ މަގު ބޭނުންކުރަމުން ދިޔަ ނަމަވެސް، އދ. ގެ ސަލާމަތީ މަޖިލީހުން އޭގެ ތެރެއިން ބައެއް މަގުތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ މުއްދަތު އިތުރުކުރުމަށް ވަނީ ދެކޮޅު ހަދައިފައެވެ. މި ނިންމުމަށް ޗައިނާ އާއި ރަޝިއާއިން ވަނީ ނުފޫޒު ފޯރުވައިފައެވެ. އދ ގެ ސަލާމަތީ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އަންނަ ޖުލައި މަހަށް ހަމަވާނެއެވެ.

"އދ ގެ ސަލާމަތީ މަޖިލީހުން ހުއްދައިގެ މުއްދަތު އިތުރުކޮށް ނުދީފިނަމަ އެ ރައްޔިތުން އިންސާނީ ކާރިސާ އަކާއި ކުރިމަތިލާން ޖެހިދާނެ. އަހަރުމެންނަށް އެބަ އެނގޭ އެމީހުން އުޅޭނީ ދަތި ހާލުގައި ކަން" ސީރިއާއަށް ހާއްސަ ކޮށްފައިވާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ޔުނިޓުގެ ޑެޕިއުޓީ ކޯޑިނޭޓަރ، މާކް ކަޓްސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުންމީދު ކުރަނީ އދ ގެ ސަލާމަތީ މަޖިލީހުން އިންސާނިޔަތުކަން އިސްކޮށް ހުއްދައިގެ މުއްދަތު އިތުރުކޮށްދޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަކީ އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިހާރު ކޮންމެ މަހަކު އދ ގެ 1،000 އުޅަނދު ސީރިއާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ސިއްހީ ފަރުވާދޭނެ އާލާތްތައް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހިފައިގެން ދަތުރުކުރެއެވެ. ތުރުކީ މަގުން ސީރިއާ އަށް މި ފޯރުކޮށްދޭ އދ ގެ ޒަރޫރީ ސާމާނުން ތުރުކީ ބޯޑަރު ކައިރި ދިރިއުޅޭ ސީރިއާގެ 80 އިންސައްތަ މީހުންގެ ބޭނުންތައް ފުއްދުމަށް އދ އިން މަސައްކަތް ކުރެއެވެ.

ތުރުކީ މަގުން ވެސް ސީރިއާ އަށް ދަތުރުކުރާ ބައެއް މަގުތައް ބަންދު ކުރުމުން ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް އދ އިން ބުނެއެވެ.