އެމެރިކާގެ ވެޔޯމިންގައި ނެޓްރިއަމް ނިއުކްލިއާ ރިއެކްޓަރެއް އުފެއްދުމުގެ މަސައްކަތް ބިލް ގޭޓްސްގެ ޓެރާޕަވާ އާއި ވޮރަންޓް ބަފެޓުގެ ޕެސިފިކޯޕްއިން މަސައްކަތް ފަށައިފިއެވެ.

ނިއުކްލިއާ ރިއެކްޓަރުން ޑިމާންޑް އެންމެ ބޮޑުވާ ވަގުތު ވެސް 500 މެގަވޯޓުގެ ހަކަތަ އުފައްދައިދޭނެ ކަމަށް ޓެރާޕަވާ އާއި ޕެސިފިކޯއިން ބުނެެއެވެ. މި ދެމީހުންގެ އައު އުފެއްދުމުން 400،000 ގެޔަށް ހަކަތަ ފޯރުކޮށްދެވޭނެ ކަމަށްވެއެވެ.

ނެޓްރިއަމް ފަދަ ކުރިއަރާފައިވާ ނިއުކްލިއާ ރިއެކްޓަރަކީ ކާބަން ނުހިމެނޭހެން ހަކަތަ އުފެއްދުމުގައި އެހީވެދޭނެ އެއްޗެކެވެ. ކުރީގައި ބޭނުންކުރަމުުން ދިޔަ ނިއުކްލިއާ ރިއެކްޓަރުތަކަށް ވުރެ މިއީ ތިމާވެއްޓާ ރައްޓެހި ނިއުކްލިއާ ރިއެކްޓަރެއްކަން ފާހަގަ ކޮށްލެވެއެވެ. މި އެއްޗެހި ޑިޒައިން ކޮށްފައި ހުންނަނީ ފަސޭހައިން އުފެއްދޭ، ތެޔޮ ހަރަދު ކުޑަ، ހަރަދު ކުޑަ، އާދައިގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ވުރެ ރައްކާތެރި ގޮތަކަށެވެ.

އެ ދެ ކުންފުނިން ބުނެފައިވަނީ ނެޓްރިއަމް ނިއުކްލިއާ ރިއެކްޓަރު އުފައްދާ ޕްލޭންއާ ބެހޭ އިތުރު މައުލޫމާތު މި އަހަރު ނިމޭ ހިސާބުގައި އިއުލާން ކުރާނެ ކަމަށެވެ. ޓެރާޕަވާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮޖެކްޓަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެކަމަށް ލަަފާކުރެވޭ ކަމަށެވެެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ ޕްރޮޖެކްޓުގެ ދަށުން އުފައްދާ ޕްލާންޓް ވެގެންދާނީ ރައްކާތެރި، ރަނގަޅަށް މަސައްކަތް ކުރާ، އަދި އާދައިގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ވުރެ މާ ބޮޑަށްވެސް ހަރަދުކުޑަ އެއްޗަކަށް ކަމަށެވެ.