ކޮވިޑް-19 އަކީ ލެބޯޓަރީ އަކުން ލީކްވި ވައިރަހެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށް މުހިންމު ހެކިތަކެއް ހޯދުމަށް، ޗައިނާގެ ވޫހާންގައި ހުންނަ ވައިރޮލޮޖީ ލެބޯޓަރީގައި މަސައްކަތްކުރި ނުވަ މީހެއްގެ ސިއްހީ ރިކޯޑުތައް ދޫކުރުމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސްގެ އިސް ތަޖުރިބާކާރު، ޑރ.އެންތަނީ ފައުޗީ ގޮވާލައްވައިފިއެވެ.

2019 ވަނަ އަހަރު ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެންފެށުމުގެ ކުރިން ވޫހާންގެ ވައިރޮލޮޖީ ލެބޯޓަރީގައި މަސައްކަތްކުރި ބައެއް މީހުން ބަލިވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދިން ކަމަށް ރިޕޯޓުތައް ބުނެއެވެ. "އަޅުގަނޑު ބަލަން ބޭނުން 2019 ވަނަ އަހަރު ބަލިވި ތިން މީހުންގެ ސިއްހީ ރިކޯޑުތައް. އެމީހުން ހަގީގަތުގައި ވެސް ބަލިވީނަމަ، އެއީ ކޮން ބައްޔެއް؟" ފައުޗީ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3.7 އަށް އަރާފައެވެ. ނަމަވެސް، ކޮރޯނާވައިރަސް އުފެދުނީ ކިހިނެއްކަމެއް އަދި ފެތުރެން ފެށި ގޮތެއް ކަށަވަރުވެފައެއް ނުވެއެވެ. އެމެރިކާއިން ދަނީ ޗައިނާގެ ލެބޯޓަރީއިން ވައިރަސް ލީކްވި ކަމަށް ބުނެ، އެ ތަހުގީގް ކުރަމުންނެވެ. ވޫހާންގެ ވައިރޮލޮޖީ ލެބޯޓަރީއިން ވައިރަސް ލީކްވި ކަމަށް ބުނާ ބުނުން ޗައިނާގެ ސައިންސްވެރިން ވަނީ ދޮގުކޮށްފައެވެ.

ވޫހާންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ބުނެފައިވަނީ އެތަނުގައި މަސައްކަތް ކުރާ އެއްވެެސް މީހަކަށް ކޮވިޑް ޖެހިފައިނުވާ ކަމަށެވެ. ފައުޗީ ވަނީ އެވާހަކައާއި ދެބަސްވެ، އެކަން އިތުރަށް ބަލައި ތަހުގީގް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އަސްލު ހޯދުމަށް ތަހުގީގު ހިންގުމަށް ޖޯ ބައިޑެން ވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އަންގަވާފައެވެ.