ދެކުނު އެފްރިކާގެ އަންހެނަކު ކޮވިޑް-19 އިން ރަނގަޅު ނުވެ ހަތް މަސް ދުވަސް ވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ކޮވިޑުން ރަނގަޅުނުވެ ދިގު މުއްދަތެއް ހޭދަކުރަން ޖެހިފައިވާ މީހަކީ އެޗްއައިވީ ބަލި މީހެކެވެ. އެއީ 36 އަހަރުގެ އަންހެނެއް ކަމަށް ދެކުނު އެފްރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

އޭނާ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ. އޭގެ ފަހުން އަދިވެސް އޭނާ ކޮވިޑުން ރަނގަޅު ވެފައެއް ނުވެއެވެ.

ކޮވިޑުން ރަނގަޅު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާ މީހާގެ ކިބައިން ދެން ސައިންސްވެރިންނަށް ފާހަގަ ކުރެވުނު ކަމަކީ އޭނާގެ ހަށިގަނޑުގެ ތެރޭގައި 30 އަށްވުރެ ގިނަ ފަހަރަކު ކޮވިޑް ވައިރަސް މިއުޓޭޓް ވެފައިވާ ކަމެވެ. ނުވަތަ ވައިރަސް އަށް ބަދަލުތަކެއް އައިސްފައިވާ ކަމެވެ.

ދެކުނު އެފްރިކާ އިން ބުނާ ގޮތުގައި އެޗްއައިވީ ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި މިހައި ގިނަ ދުވަސް ވަންދެން ކޮވިޑް ވައިރަސް ހުރުން އެއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ސަބަބަކީ ދެކުނު އެފްރިކާ އާއި އަދި އެފްރިކާގެ ގިނަ ގައުމުތަކަކީ އެޗްއައިވީ ބަލި މީހުން ގިނަ ގައުމުތަކަކަށް ވާތީއެވެ.

އދ. އިން ލަފާކުރާ ގޮތުގައި ދެކުނު އެފްރިކާގައި އެޗްއައިވީ ޖެހިފައި މިހާރު 7.5 މިލިއަން މީހުން ތިބޭނެއެވެ. ދެކުނު އެފްރިކާގައި އެޗްއައިވީ ޖެހިފައި ތިބި މީހުންގެ ތެރެއިން %10 މީހުންނަށް އެމީހުންނަށް އެޗްއައިވީ ޖެހިފައި ހުންނާނެކަން ނޭނގޭނެ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

އެހެންކަމުން ދެކުނު އެފްރިކާގައި ކޮވިޑް ޖެހިގެން ރަނގަޅުނުވެ އެތައް ބަޔަކު ގިނަ ދުވަސްތަކަކުު އުޅެން ޖެހިދާނެ ކަމަށް މިހާރު ސައިންސްވެރިން ލަފާކުރެއެވެ. އެފަދަ ހާލަތެއްގައި ކޮވިޑް ވައިރަހަށް ބަދަލުތަކެއް އައިސް ބަލި ޖެހޭ މީހުންގެ ފުރާނައަށް ނުރައްކާވާ ނިސްބަތްވެސް އިތުރުވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

އެޗްއައިވީ ޖެހިއްޖެނަމަ މީހެއްގެ ދިފާއީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށި ކޮއްލައެވެ. އެހެންކަމުން އެޗްއައިވީ ޖެހިފައިވާ މީހަކަށް ކޮވިޑް ޖެހިއްޖެނަމަ ހާލަތު އިތުރަށް ގޯސްވެއެވެ.