ގަތަރުގައި 2022 ފީފާ ވޯލްޑް ކަޕް ބާއްވަން ތައްޔާރުވަމުންދާ އަންނައިރު އެހީއަކަށް ބޭނުންވެ އެދޭ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

"ވޯލްޑް ކަޕަށް ތައްޔާރުވުން ވެގެން މިދަނީ ވަރަށް މުހިންމު ކަމަކަށް. ގަތަރުގެ ޝެއިހް ތަމީމް ބިން ހަމަދު އަލް-ތާނީ އާއި މަޝްވަރާ ކޮށްލުމުން އެނގިއްޖެ މި ދަނޑިވަޅުގައި ގަތަރުން ކުރިމަތިލަމުން ގެންދާ ގޮންޖެހުންތައް. ސަރަހައްދުގެ ދަތިތަކާއި ކޮވިޑް އާލަމީ ވަބާގެ ސަބަބުން ކުރިމަތިވަމުންދާ ދަތިކަންތައްތައް ފާހަގަވި. އަހަރުމެންގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން" ގަތަރުގެ ނޫސް އެޖެންސީއަކަށް މައުލޫމާތުދެމުން ޕޫޓިން ވިދާޅުވިއެވެ.

ސަރަހައްދީ ގޮތުން ކުރިމަތިވަމުންދާ ދަތި ކަންކަމާއި ކޮވިޑާއި ގުޅިގެން ކުރިމަތިވާ ދަތިތަކުގެ ސަބަބުން މަސައްކަތަށް ބުރޫ އަރާކަމަށް ގަތަރުގެ ޝެއިހް ތަމީމް ބިން ހަމަދު އަލް-ތާނީ މައުލޫމާތު ދެއްވުމާއި އެކު ޕޫޓިން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.

ގަތަރުގެ ނޫސް އެޖެންސީގެ ޖެނެރަލް ޑިރެކްޓަރ ޔޫސުފް އިބްރާހިމް އަބްދުއްރަހްމާން އަލް-މަލިކީ އަށް އިންޓަވިއު ދެއްވަމުން ޕޫޓިން ވިދާޅުވީ ވޯލްޑް ކަޕުގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނު ކަމަށެވެ. ގަތަރުގައި ސަމާލުކަން ބޭނުންވާ އެތައް ގޮންޖެހުން ތަކެއް ހުރިކަމަށާއި، އެކަންކަން ހަމައަކަށް އެޅުވުމަށް ޕޫޓިން އެހީވެދެއްވާނެ ކަމަށެވެ.

ޕޫޓިން ގަބޫލުކުރަނީ ދެގައުމުން އެކުގައި މަސައްކަތް ކޮށްގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.