ބިޓްކޮއިން އަކީ އެލް ސަލްވެޑޯގައި ރަސްމީ ފައިސާއަކަށް ހަދަން ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް ނަޔީބް ބުކެލޭ ވިދާޅުވެއްޖެއެވެ.

އެ ނިންމުމަށް އަމަލު ކުރަން ފަށައިފިނަމަ ދުނިޔޭގައި ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބިޓްކޮއިން ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި ބޭނުންކުރާ ފުރަތަމަ ގައުމަަކަށް އެލް ސަލްވެޑޯ ވެގެން ދާނެއެވެ.

ބުކެލޭ ވިދާޅުވީ އެގައުމުގައި ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރާ ޔުއެސް ޑޮލަރެކޭ އެއްފަދައިން ބިޓްކޮއިން ބޭނުންކުރުމުގެ ހުއްދަ ދޭނެ ބިލެއް މި ހަފްތާގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ކްރީޕްޓޮކަރަންސީ ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަން ހުއްދަ ދިނުމުން އެގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ގައުމަށް ފައިސާ ފޮނުވަން ފަސޭހަވެ، ވަޒީފާތަކުގެ ފުރުސަތު އިތުރުވުމާއި ނުރަސްމީ ވަޒީފާތައް އަދާކުރާ މީހުންނަށް ވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވެފައި ވެއެވެ.

އެލް ސަލްވެޑޯގެ 70 އިންސައްތަ މީހުން ބެންކް އެކައުންޓާއި ކްރެޑިޓް ކާޑު ބޭނުމެއް ނުކުރެއެވެ. އަދި އެގައުމުގެ 22 އިންސައްތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ބަރޯސާ ވެފައިވަނީ އެހެން ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާ އަށެވެ.

މިހާރުގެ ރޭޓުތަކަށް ބަލާއިރު، ބިޓްކޮއިންގެ އަގު 36،127 އެމެރިކާ ޑޮލަރަށް އަރައެވެ. މި އަގުގައި ބިޓްކޮއިން ލިބެން ހުރުމާއި އެކު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނީ މިވަރުގެ ފައިސާއެއް ކޮންމެ ދުވަހަކު މިހާރު ބޭނުންކުރަމުންދާ ފައިސާއަށް ވުރެ ކުރިހޯދަފާނެ ކަމާއި މެދުއެވެ.

ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ކްރިޕްޓޮކަރަންސީ ބޭނުންކުރުމަށް އެއްބާރުލުން ދިން ނަމަވެސް، އެކަމާއި ދެކޮޅު ބައެއް ގައުމުތަކުން އެކަމާއި ދެކޮޅެވެ.