ނައިޖީރިއާގައި ޓުވިޓާ މަނާ ކުރުމާ ގުޅިގެން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކަން ކުށްވެރިކޮށްފައެވެ.

ނައިޖީރިއާ ސަރުކާރުގެ މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތައް ހޯދުމަށް ވަކާލާތު ކުރާ ގްރޫޕްތަކުން ވެސް ވަނީ މި ނިންމުމާ ދެކޮޅު ހަދައިފައެވެ.

ނަމަވެސް އެގައުމުގެ ޓެލެކޮމް އޮޕެރޭޓަރުން ވަނީ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް އެގައުމުގައި ޓްވިޓާ ސަސްޕެންޑް ކޮށްފައިވާކަން އިއުލާން ކޮށްފައެވެ.

އީޔޫ، އެމެރިކާ، އިނގިރޭސި ވިލާތާއި، ކެނެޑާއިން ގުޅިގެން ޓްވިޓާ މަނާ ކުރުން ކުށްވެރިކޮށް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނަނީ ޓްވިޓާ މަނާ ކުރަން ނިންމީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. ޓްވިޓާ އަކީ އާންމުންގެ ކަންބޮޑުވުންތައް ހިއްސާކުރާ ބޮޑު ޕްލެޓްފޯމަކަށް ވެފައިވާއިރު، އެ އެޕްލިކޭޝަން ބޭން ކުރުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށާއި، އާންމުން ހިޔާލު ފާޅުކުރުމަށް ބޭނުންކުރަމުންދާ ޕްލެޓްފޯމެއް ބޭން ކުރުމަކީ ކޮށްގެން އަދި ކުރެވިގެން ވެސް ނުވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ބުނަނީ ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ހެއްދެވީ ގޯހެއް ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނައިޖީރިއާގެ 39 މިލިއަން މީހުން ޓްވިޓާ ބޭނުން ކުރެއެވެ. ބޯކޯ ހަރާމުން 2014 ވަނަ އަހަރު 276 ސުކޫލު ކުދިން ރަހީނު ކުރުމުން ޓްވިޓާގައި އާންމު ރައްޔިތުން ހޭޝްޓެގް ބޭނުންކޮށްގެން ފެށި ކެމްޕޭނުން ކުރިއެރުން ލިބިފައިވެއެވެ. އަދި މި ޕްލެޓްފޯމަކީ ސަރުކާރުން ކުރާ ބައެއް ކަންކަން އިސްލާހުކުރުމަށް އާންމުންގެ އަޑު އުފުލުމަށް ބޭނުންކުރާ މައި ޕްލެޓްފޯމެވެ.