ޕާކިސްތާންގައި ދެ ރޭލެއް މުޑި އަރައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ޕާކިސްތާންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ޕާކިސްތާންގެ ޑާކީގައެވެ. އެއީ ޕާކިސްތާންގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ އުތުރުން 440 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށެކެވެ.

"ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށް މިހާރު ވެސް 32 މީހުން މަރުވެއްޖެ. 98 މީހަކު ވަނީ ޒަހަމްވެފައި. އަދަދުތައް އަދިވެސް ދަނީ އުފުލެމުން." ސިއްހަތާއި ބެހޭ އޮފިޝަލެއް ކަމަށްވާ މަންޒޫރު ޖަހްރާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ރޭލްގެ އެތެރޭގައި ވެސް ތާށިވެފައި މީހުން އެބަތިބި ކަމަށާއި އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ރެއިލްވޭ މިނިސްޓަރު ވަޑައިގަތުމަށް އަންގަވާފައެވެ. އިމްރާން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އަވަސް އަދި ފުރިހަމަ ސިއްހީ ހިދުމަތް ލިބޭކަން ކަށަވަރު ކުރުމަށް މިހާރު ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ޕާކިސްތާންގެ އަސްކަރިއްޔާ އިން ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް މިހާރު ހެލިކޮޕްޓަރުތަކާއި އެމްބިއުލަންސްތަކާއި ސިއްހީ އެހީތެރިން ފޮނުވާފައެވެ.

ފަހަކަށް އައިސް ޕާކިސްތާންގައި ރޭލް އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2019 ވަނަ އަހަރު ހިނގި ރޭލް އެކްސިޑެންޓެއްގައި ވެސް 73 މީހަކު މަރުވިއެވެ.