ކޮވިޑް-19 ގެ މައުލޫމާތު ހޯދަން ޗައިނާ އަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މިހާތަނަށް އައިއިރު، 174 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި މި ބަލީގައި ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން ރަނގަޅުވީ 157 މިލިއަނަށް ވުރެ ގިނަ މީހުންނެވެ. މިވަގުތު ހާލަތަށް ބަލާ އިރު، ދުވާލެއްގެ މައްޗަށް މުޅި ދުނިޔެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ ތިން ލައްކަ އަށް ވުރެ މަތީގައެވެ. މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑް ބައްޔަށް ހުށަހެޅެނީ އަވަށްޓެރި އިންޑިއާގައެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ ވައިރަސް ފެތުރެން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރު ދިރާސާ ތަކެއް ކޮށްގެން މައުލޫމާތު ހޯދަން ޖެހޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ޗައިނާ ސަރުކާރުގެ ފަރާތުން އިތުރު މައުލޫމާތު ހޯދަން އަމަލުކުރާނީ ކޮންގޮތަކަށްތޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޕޯޓަރަކު އެހުމުން އެ ސުވާލަށް ޖަވާބުދެމުން އެ ޖަމިއްޔާގެ އެމާޖެންސީ ޕްރޮގްރާމް އެޖެންސީގެ ޑިރެކްޓަރު، މައިކް ރީން ވިދާޅުވީ ކޮވިޑާ ގުޅިގެން މައުލޫމާތު ހޯދުމަށް ޑަބްލިއުއެޗްއޯއިން އެއްވެސް ބަޔަކަށް މަޖުބޫރުކުރަން ނުޖެހޭނެ ކަމަށެވެ. ހުރިހާ މެމްބަރުންގެ އެއްބާރުލުމާއި، ބައިވެރިވުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް ފެތުރިގެން ދިޔަ ގޮތް ކަމަށް ބުނެ ދެތިން ގޮތަަކަށް ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހުނު ވައިރަހަކާއި، ވޫހާންގެ ލެބޯޓަރީ އަކުން ވައިރަސް ލީކްވީ ކަމަށް ބުނާ އަޑުތައްވެސް ގަދައެވެ. ވައިރަސް ލީކްވީ ލެބޯޓަރީ އަކުން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އާލަމީވަބާގެ ފުރަތަމަ ދުވަސްތަކުގައި ސައިންސްވެރިން ދޮގުކުރިއެވެ. ޗައިނާއިން އަންނަނީ އޭރުން ފެށިގެން އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ ޓީމު ވަނީ އާލަމީވަބާގެ ފުރަތަމަ ދުވަސްތަކުގައި ޗައިނާ އަށް ޒިޔާރާތްކޮށް ކޮވިޑާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައެވެ. އަދި އެ ޓީމުން ބުނެފައިވަނީ ހުރިހާ މައުލޫމާތެއް އެމީހުންނަށް ލިބިފައިނުވާ ކަމަށެވެ.

ކޮވިޑް ވައިރަސް ލީކްވީ ލެބޯޓަރީ އަކުން ކަމަށް ބުނާ ތުހުމަތު އެންމެ އަޑުގަދަކޮށް ބުނަމުން އަންނަ އެކަކަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ.