ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ ޖެފް ބެޒޮސް އާއި އޭނާގެ ބޭބެ ޖައްވަށް ދާން ތައްޔާރުވާ ކަން އިއުލާން ކޮށްފިއެވެ.

ބެޒޯގެ ރޮކެޓް ޝިޕް ކުންފުނި، ބްލޫ އޮރިޖިންއިން އުފައްދާފައިވާ ޝެޕާޑް ރޮކެޓުގައި ބެޒޮސް އާއި އޭނާގެ ބޭބެއާ އެކުގައި ޖައްވަށް ދާނެ މީހަކު ހޯދުމަށް ވަނީ ނީލަމަށް ހުޅުވާލައިފައެވެ. އެ ފުރުސަތު ލިބޭ ނަސީބުވެރިޔަކަށް ދެބެއިންނާއެކު ޖައްވަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

މިހާތަނަށް އައި އިރު އެންމެ މަތިން މިކަމަށް ބިޑް ކޮށްފައިވަނީ 2.8 މިލިއަން ޑޮލަރަށެވެ. ނީލަމަށް ހުށަހެޅުމުގެ ފުރުސަތު ހޮނިހިރު ދުވަހު ބަންދުވެގެން ދާއިރު، ނީލަމުން ލިބޭ އަގު ބްލޫ އޮރިޖިންގެ އެޑިއުކޭޝަން ފައުންޑޭޝަނަށް ހަދިޔާކުރަން ވަނީ ހަމަޖެހިފައެވެ.

ހޯމަ ދުވަހު އެ ކުންފުނިން މީސް މީޑިއާގައި ހާމަކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ޖައްވުން ދުނިޔެ ބަލާލަން ފުރުސަތު ލިބުމަކީ މީހާ މުޅިން ބަދަލުކޮށްލާނެ ކަމެއް ކަމަށެވެ.

އެމެޒަން ކުންފުނީގެ ވެރިޔާ ބެޒޮސް ބުނީ ޖައްވަން ދާން ބޭނުންވަނީ އެއީ އަބަދުވެސް ކުރަން ބޭނުންވާ ކަމަކަށްވީމަ ކަމަށެވެ.

ބްލޫ އޮރިޖިންސްގެ ފްލައިޓުގައި ޖައްވު ބަލާލަން ދާން ބޭނުންވާ މީހުންނަށް ފަތުުރުވެރިކަމުގެ ވިޔަފާރި އުސޫލުން އެ ފުރުސަތު އެބައޮތެވެ. ކުރު ދަތުރުތަކަށް ފަތުރުވެރިންނަށް ޖައްވަށް ދެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު، އަދި ޓިކެޓުގެ އަގުތަކެއް ހާމަ ކޮށްފައެއް ނުވެއެވެ.