ޕާކިސްތާނުގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 63 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގެ ދެކުނު ސިންދް ޕްރޮވިންސުގައި ހައިސްޕީޑުގައި ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހިގެންނެވެ.

އޮފިޝަލުންނާ ހަވާލަދީ ޕާކިސްތާނުގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި މަރުވި މީހުންގެ ޢަދަދު އިތުރު ވެދާނެ ކަމަށް އަދި ބެލެވެއެވެ. ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދެ ރޭލުގެ ކުރީކޮޅު އަދި ބޮޑުބައި ވަނީ އެއްކޮށް ފުނޑިފަ އެވެ.

ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި އެއްމަސް ނުވާ ތުއްތު ކުއްޖަކާއި 81 އަހަރުގެ އަންހެނަކުވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަރާޗީ އާއި 440 ކިލޯމީޓަރު ދުރުގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

ގޮޓްކީ ޑިސްޓްރިކްގެ ޑެޕިއުޓީ ކޮމިޝަނަރ އުސްމާން އަބްދުﷲ ވިދާޅުވެފައިވާގޮތުން، މި ހާދިސާގައި ސީރިޔަސް އަނިޔާވި ފަރާތްތަކަށް ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާދެމުން އެބަދެއެވެ.

އަބްދުﷲ ވިދާޅުވީ، މިލަތް އެކްސްޕްރެސް ޓްރެއިން އާއި ސަރ ސައިދް އެކްސްޕްރެސް ޓްރެއިންގައި 1،000 އަށްވުރެ ގިނަ މީހުން ދަތުރުކުރި ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ޕާކިސްތާނުގެ ސިފައިން ހަރަކާތްތެރިވަމުން ދާއިރު ރޭލު ދަށުވެފައި އަދިވެސް މީހުން ތިބެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޕާކިސްތާނުގައި ރޭލު އެކްސިޑެންޓުތައް ގިނައިން ހިނގާއިރު މިފަދަ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލެއެވެ.

 

ކިޔުންތެރިންގެ ހިޔާލު