ދުނިޔޭގެ ބޮޑެތި މީޑިއާ ވެބްސައިޓްތައް ޑައުންވެއްޖެއެވެ.

ޑައުންވި މީޑިއާ ވެބްސައިޓްތަކުގެ ތެރޭގައި އަލްޖަޒީރާ، ބީބީސީ، ސީއެންއެން، ފައިނޭންޝިއަލް ޓައިމްސް، ނިއުޔޯކް ޓައިމްސް، ބްލޫމްބާގް ނިއުސް އަދި ގާޑިއަން ހިމެނެއެވެ.

މި ވެބްސައިޓް ތަކުގެ އިތުރުން އެމެރިކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅު ކަމަށްވަ ވައިޓްހައުސްގެ ވެބްސައިޓާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ ވެބްސައިޓް ވެސް ވަނީ ޑައުން ވެފައެވެ.

މި ސައިޓްތައް ޑައުން ވެފައިވަނީ ކޮންއިރަކު ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. ސައިޓު ޑައުންވެ "އެރޯ 503" ވަނީ އަރާފައެވެ.

މީގެ ތެރެއިން ބައެއް ވެބްސައިޓްތަކަށް ވަދެވޭ ނަމަވެސް، އިރުއިރުކޮޅާ ސައިޓް އެއްކޮށް ޑައުންވެއެވެ.

ސައިޓްތައް ޑައުންވުމާއި ގުޅިގެން ސްކައި ނޫހުން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބައެއް ސައިޓްތައް ޑައުންވެފައިވާ ކަމަށާއި އެހެން ނަމަވެސް ދޭތެރެއަކުން ވަދެވޭ ކަމަށެވެ. ސައިޓްތަކަށް ވަދެވޭ ނަމަވެސް، އެހެން ފަހަރުތަކާއި ބަލައި ވަރަށް ލަސް ކަމަށް ސްކައި ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ވެބްސައިޓްތައް ޑައުންވީ، ވެބްސައިޓްތަކުގެ މައުލޫމާތު ރައްކާ ކުރާ، އެމެރިކާގައި ހުންނަ ޑޭޓާ ސެންޓަރެއްގެ ހިދުމަތަށް ބުރޫ އަރައިގެން ކަމަށް މިހާތަނަށް ވަނީ ބެލެވިފައެވެ.

ނަމަވެސް މިމައްސަލަ ދިމާވާން މެދުވެރިވި ސީދާ ސަބަބެއް އަދި ރަސްމީ ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.