ޗައިނާގައި ބަންދުކޮށްގެން ގެންގުޅޭ އުއިގާ މުސްލިމުންގެ ތެރެއިން މިނިވަންވި މީހުންނާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ގުޅޭ ތަޖުރިބާހުރި މީހުން އަދި ގާނޫނީ ވަކީލުން އެއްތަަނަކަށް އެއްވެ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ކޯޓުތަކަށް ދާނެ މަގުތައް ބަންދުވެފައިވައި ވަނިކޮށް، ކޯޓުގައި ކުރިއަށް ގެންދާ މި މައްސަލަތަކުން ޗައިނާ ސަރުކާރުން އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާއި އުއިގާ މުސްލިމުން ނައްތާލުމަށް އެމީހުން މަރައި ދެމުން ގެންދާ ހަމަލާތައް ހާމަވެގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވަކި ބަޔަކު ނައްތާލުމުގެ ނިޔަތުގައި ގިނަ އަދަދެއްގެ މީހުން މެރުން ފަދަ ކަންކަން ހުއްޓުވައި، އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބު ދިނުމަށް ވަނީ އެއްބަސް ވެފައެވެ. އޭގެ ތެރޭގައި 152 ގައުމެއް ހިމެނެއެވެ.

އޭގެ 70 އަށް ވުރެ ގިނަ އަހަރު ފަހުން މިވަނީ އިންސާނިއްޔަތާއި ދެކޮޅު ކުށްތައް އަލުން ފެންނަން ފަށައިފައެވެ. އެގޮތުން ކޮމްބޯޑިއާ، އިރާގް، ބުރްމާ ފަދަ ތަންތަނުން މިފަދަ ކަންކަން ހިނގާ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަން ރިޕޯޓު ކުރެއެވެ. އެކަން ހުއްޓުވުމަކަށް އައިސްފައި ނުވަނީސް، ޗައިނާގެ ޒިންޖިއާންގައި އުއިގާ މުސްލިމުން ބަންދުކޮށްގެން އެމީހުންނަށް އަނިޔާކޮށް، ކުށްތަކަށް އަރައިގަންނަަ ކަމަށް ބުނާ އަޑުތައް ގަދަވާން ފެށިއެވެ.

ދޭތެރެ ދުރުކުރުމަށް މެޑިކަލް ޕްރޮސީޖާއެއް ފުރިހަމަ ކުރުމަށް މަޖުބޫރުކޮށް، އާއިލާތައް ރޫޅުވާލައި ބަންދުކޮށްގެން ދަނީ އަނިޔާތައް ދެމުންނެވެ. އެކަމަކު މިކަމާއި ގުޅިގެން ޗައިނާ ސަރުކާރާއި ދެކޮޅަށް ހުށަހެޅޭނެ ހެއްކެއް ނެތެވެ. ކަން މިހެން އޮތް އިރުވެސް، ބައިނަލްއަގުވާމީ ޖަމާއަތްތަކުން މިކަން ހުއްޓުވުމަށް ކޮށްފަައިވާ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

ކުށް ކޮށްފައިވާ މީހުންނަށް އަދަބު ދިނުމުގެ ނަމުގައި އާންމުންނަށް އޮޅުވާލައިގެން ޗައިނާ ސަރުކާރުން ޒިންޖިއާންގައި މިލިއަންހައި މީހުން ބަންދުކޮށް، ރޭޕު ކުރުމާއި، ކާން ނުދީ ބޭއްތިއްބުމާއި، ބަނޑުބޮޑު ވެއްޖެނަމަ ކުއްޖާ ވައްޓާލަން މަޖުބޫރުކުރުމާއި، ގަދަ ބާރުން މަސައްކަތް ކުުރުން ފަދަ ކަންތައްތައް ހުއްޓުވޭނެ ކޮންމެވެސް ގޮތެއް އދ އާއި ސަރުކާރުތައް ގުޅިގެން ހޯދަން ޖެހޭ ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޒިންޖިއާންގައި ޗައިނާ ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ހަމައެކަނި ކުށްވެރިކޮށްލައިގެން ނުފުދެއެވެ. އދގެ އިންސާނީ ހައްގުތައް ހޯދަން މަސައްކަތް ކުރާ ޓީމާއި ގުޅިގެން އުވޭގޯ މުސްލިމުންނަށް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރެވެން ޖެހެއެވެ. މީގެ 70 އަހަރު ކުރިން އެފަދަ ކުށްތައް މުޅިން ނައްތާލަން ގައުމުތަކުން އެއްބަސްވި އުސޫލުން އެކަން އަލުން ކުރިޔަށް ގެންދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު