އިންޑިއާގައި ބްލެކް ފަންގަސް އިންފެކްޝަން ނުވަތަ މިއުކޯމައިކޯސިސް ފެތުރޭ މިންވަރު އިތުރުވެއްޖެއެވެ. މި ބަލި ފެތުރޭ މިންވަރު އިތުރުވެފައި މިވަނީ އެ ގައުމުން ކޮވިޑަށް ފައްސިވަމުން އަންނަ މީހުންގެ އަދަދު މަދުވެފައިވާ ދަނޑިވަޅެެއްގައެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ހެލްތް މިނިސްޓަރު ހާޝް ވަރްދާން ވިދާޅުވީ އެ ގައުމުން 28،000 އަށް ވުރެ ގިނަ މީހުންނަށް މިއުކޯމައިކޯސިސް ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށެވެ.

"28 ސްޓޭޓަކުން، މިއުކޯމައިކޯސިސް ބަލި ޖެހިފައިވާ 28،252 މީހުން މިވަނީ ދެނެގަނެވިފައި. އޭގެ ތެރެއިން 86 އިންސައްތަ ނުވަތަ ބަލި ޖެހުނު 24,370 މީހުންނަކީ މިއުކޯމައިކޯސިސް ބަލި ދެނެގަނެވުމުގެ ކުރިން ކޮވިޑަށް ފައްސިވެފައިވާ މީހުން. އަދި 62.3 އިންސައްތަ ނުވަތަ މިއުކޯމައިކޯސިސް ބަލި ޖެހުނު 17,601 މީހުންނަކީ ހަކުރުބަލީގެ މީހުން"އިންޑިއާގެ ހެލްތް މިނިސްޓަރު ވަރްދާން ވިދާޅުވިއެވެ.

އިންޑިއާގެ ސަރަހައްދުތަކަށް ބަލާއިރު، މި ބަލި އެންމެ ގިނައިން ފެނިފައިވަނީ މަހަރަޝްތްރާ އިންނެވެ. އެ ސްޓޭޓުން 6،329 މީހުންނަށް ބަލި ޖެހުނުކަމަށް ރިކޯޑު ކުރެވިފައިވެއެވެ. ދެން އެންމެ ގިނައިން މި ބަލިޖެހިފައިވަނީ ގުޖުރާތުގައެވެ. އެއީ 5،486 މީހުންނަށެވެ. އޭގެ ފަހަތުން މަދްޔާ ޕްރަދޭޝް އާއި، އުއްތަރު ޕްރަދޭޝްއާއި ރާޖަސްތާނާއި ހަރިޔާނާއާއި ކަރުނާޓަކާއާއި ދިއްލީއާއި އަންދުރަ ޕުރަދޭޝުން ވެސް ބަލި ފެނިފައިވެއެވެ.

މިއުކޯމައިކޯސިސް ބަލި ޖެހިއްޖެ ނަމަ ނޭފަތުގެ ކުލަބަދަލުވުން ނުވަތަ ކަޅުވުމާއި ލޮލުގެ ފެނުން ނުސާފުވުމާއި މެޔަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސައި ކަރުން ލޭއައުން ފަދަ އުނދަގޫތައް ދިމާވެއެވެ. ކޮވިޑް ޖެހިފައިވާ މީހުންނަށާއި، ހަކުރުބަލީގެ މީހުންނަށް ގިނައިން މި ބަލި ޖެހެނީ އެމީހުންގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު