ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއަކަށް ބިޓްކޮއިން ހެދި ފުރަތަމަ ގައުމަކަށް އެލް އެލް ސަލްވެޑޯ ވެއްޖެއެވެ.

ކްރިޕްޓޮކަރަންސީ (ބިޓްކޮއިން) އަކީ ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކަރަންސީއެކެވެ.

ބިޓްކޮއިން އަކީ ރަސްމީ ފައިސާއަކަށް ހެދުމަށް އެލް ސަލްވެޑޯގެ ރައީސް ނަޔީބް ބުކެލޭ ހުށަހެޅި ހުށަހެޅުން ފާސްވެފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 62 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ކްރީޕްޓޮކަރަންސީ ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއި އެކު އެގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ގައުމަށް ފައިސާ ފޮނުވަން ފަސޭހަވެ، ވަޒީފާތަކުގެ ފުރުސަތު އިތުރުވުމާއި ނުރަސްމީ ވަޒީފާތައް އަދާކުރާ މީހުންނަށް ވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވެގެން ދާނެކަމަށް ބުކެލޭ ވިދާޅުވިއެވެ.

އެލް ސަލްވެޑޯގެ 70 އިންސައްތަ މީހުން ބެންކް އެކައުންޓާއި ކްރެޑިޓް ކާޑު ބޭނުމެއް ނުކުރެއެވެ. އަދި އެގައުމުގެ 22 އިންސައްތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ބަރޯސާ ވެފައިވަނީ އެހެން ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާ އަށެވެ.

"ބިޓްކޮއިން ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ގައުމަށް އިގްތިސާދީ ގޮތުންނާއި، ފަތުރުވެރިކަމުގެ ގޮތުން ކުރިއެރުން ލިބޭނެކަމަށް ބުކެލޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއަކަށް ބިޓްކޮއިން ވެފައިވާއިރު، މިލިއަނުން ބިޓްކޮއިން ކޮންމެ މީހެއްގެ މިލްކުވެރިކަމުގައި ވެސް ބެހެއްޓޭނެެއެވެ.

މި ކަރަންސީ އަކީ ހަމަ އެކަނި އޮންލައިންކޮށް ބޭނުންކުރާ ބާވަތެކެވެ.

90 ދުވަހުގެ ތެރޭގައި ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތަށް ބިޓްކޮއިން ހަމަޖެހި ބޭނުންކުރަން ފަށާއިރު، އެލް ސަލްވެޑޯގެ ސަރުކާރުން ބުނެފައިވަނީ ބިޓްކޮއިން ބޭނުންކުރަން އެއްވެސް ރައްޔިތަކަށް މަޖުބޫރު ނުކުރާނެ ކަަމަށެވެ.