ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަން ދެކޮޅު ހެދި އެމެރިކާގެ ހޮސްޓަންގެ ހޮސްޕިޓަލެއްގެ 178 ސިއްހީ ހިދުމަތްތެރިން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޓަން މެތޮޑިސްޓް ހޮސްޕިޓަލުން މުވައްޒަފުންނަށް ފޮނުވީ އީމެއިލްއެއްގައި ބުނެފައި ވަނީ ހުރިހާ މުވައްޒަފުންނަކީ ވެސް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ކަމަށް ހެދުން އެއީ އެހޮސްޕިޓަލްގެ މުހިއްމު އަމާޒެއްކަން މީގެ ކުރިން ވެސް ވާނީ ހުރިހާ މުވައްޒަފުންނަށް އަންގާފައެވެ.

ނަމަވެސް ހޮސްޕިޓަލްގެ އެކި ވަޒީފާތަކުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 25000 މުވައްޒަފުންގެ ތެރެއިން 178 މުވައްޒަފަކު ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ކަމަށް މުވައްޒަފުންނަށް ހޮސްޕިޓަލްގެ ސީއީއޯ ޑރ.މާކް ބްލޫމް ފޮނުވި އީމެއިލްގައި ވިދާޅުވެފައި ވެއެވެ.

"ހޮސްޕިޓަލްގެ %100 މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމުގެ އަމާޒަށް ދާދި އަވަހަށް ވާސިލް ވެވޭނެ ކަމަށް ހޮސްޕިޓަލުން އުއްމީދު ކުރަމެވެ. އެމެރިކާގައި ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާ ފުރަތަމަ ހޮސްޕިޓަލަށް މި ހޮސްޕިޓަލް ހެދޭނެ ކަމުގެ އުއްމީދު އަދިވެސް ވަރަށް ބޮޑެވެ." ބްލީމްގެ އީމެއިލްގައި ވިދާޅުވެފައި ވެއެވެ.

ސީއީއޯ ވިދާޅުވީ ސަަސްޕެންޑް ކުރި 178 މުވައްޒަފުންގެ ތެރެއިން 27 މުވައްޒަފުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ކަމަށެވެ. ސަސްޕެންޑް ކުރި ހުރިހާ މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައި ވަނީ ދެހަފްތާ ދުވަހަށެވެ. ދެހަފްތާ ތެރޭގައި އެމުވައްޒަފުން ވެކްސިން ނުޖަހައިފިނަމަ ވަޒީފާ އިން ވަކިކުރާނެކަން މިހާރު ވަނީ އަންގާފައެވެ.

އެމެރިކާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް އެބަގެންދެއެވެ. ގިނަ ބަޔަކަށް ވެކްސިން ދެވުމުން އެމެރިކާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. މީގެ ދެތިން މަސް ކުރިން އެމެރިކާ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ތިން ލައްކައަށް ވެސް އެރިއެވެ. ނަމަވެސް މިހާރު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 13000 ގައެވެ.

ކިޔުންތެރިންގެ ހިޔާލު