އެމެރިކާގެ ރައީސް ޖޯ ބައިޑެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސި ވިލާތައް ވަޑައިގެންފިއެވެ.

އިނގިރޭސި ވިލާތާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އަށް ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ބައިޑެން އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ އިނގިރޭސި ވިލާތުގެ ޖީ7ގެ އިސްވެރިންނާއެވެ. އިނގިރޭސި ވިލާތުގައި ބައިޑެން ހޭދަކުރައްވާ ދުވަސްތަކުގެ ތެރޭގައި ރާނީ އެލިޒަބެތާއި ބައްްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި ބެލްޖިއަމްގެ ބްރުސެލަސްއަށް ވަޑައިގެން ނޭޓޯ އިސް ވެރިންނާއި ބައިޑެން ބައްދަލުކުރައްވާނެއެވެ. ދަތުރު ނިންމަވާލެއްވުމުގެ ކުރިން ރަޝިއާގެ ރައީސް ވުލަޑްމީރު ޕޫޓިންނާއި ބައްދަލުކުރައްވާނެއެވެ. ޕޫޓިންއާ ބައްލަކުރައްވަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ބައިޑެންގެ މި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާއިން އިނގިރޭސި ވިލާތާއި އެކުގައި އޮތް ކަމާއި، ދިމާވާ ދަތި ކަންތައްތަކުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކޮވިޑް-19 ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ބައިޑެން އިނގިރޭސި ވިލާތައް ކުރައްވާ ދަތުރުފުޅުގައި އެކަމާއި ގުޅިގެން މަޝްވަރާ ކުރަން ވަނީ ނިންމައިފައެވެ. ފަގީރު ސަރަހައްދުތަކަށް ކޮވިޑް ވެކްސިން ލިބުމަށް ހުރި ދަތިތަކުގެ ވާހަކައިގެ އިތުރުން ވިލާތުގެ ގައުމުތަށް ގުޅިގެން ރަޝިއާ އާއި ޗައިނާއާ ކުރިމަތިލާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ވައިޓްހައުސްއިން ރިޕޯޓު ކުރެެއެވެ.

ޖީ7ގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކޮވިޑް-19އަށް ވެކްސިން ދިނުމާއި، ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ގައުމުތަކުގައި އުމުރާނީ ވަސީލަތްތައް ބިނާކުރުމާއި ދުނިޔޭގައި ފެތުރެމުންދާ ޗައިނާގެ ނުފޫޒު ކުޑަކުރުން ހިމެނެއެވެ.