ކޮވިޑުން ދިފާއުވުމަށް ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިން 12 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރިތޯ ބެލުމަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ފައިޒާ ކުންފުނިން ބުނީ 12 އަހަރުން ދަށުގެ 4،500 ކުދިން ބައިވެރި ކޮށްގެން އެމެރިކާ އާއި، ފިންލޭންޑް، ޕޯލޭންޑް އަދި ސްޕެއިންގެ 90 ކްލިނިކަލް ސައިޓެއްގައި މި ޓެސްޓުތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބިއޯންޓެކް ގުޅިގެން ތައްޔާރު ކޮށްފައިވާ ވެކްސިން މިހާރުވެސް 12 އަހަރުން މަތީގެ ކުދިންނަށް އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕުގައި ދަނީ ދެމުންނެވެ. އެ ކުދިންނަށް ބޮޑަތި މީހުންނެކޭ އެއްފަދައިން ދެމުން ގެންދަނީ 30 މައިކްރޮގްރާމުގެ ޑޯޒެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ރައްކާތެރިކަމާއި، ވެކްސިނަށް އެކުދިންގެ ދިފާއީ ނިޒާމް މަސައްކަތް ކުރާގޮތް ބެލުމަށް ޓެސްޓު ކުރަން ފަށަން ހަމަޖެހިފައިވަނީ މި ހަފްތާގައެވެ. ދިރާސާގެ ފުރަތަމަ ބައިގައި 144 ކުދިން ބައިވެރިކުރާއިރު، އެކުދިންނަށް ވެކްސިން ދެ ޑޯޒް ދޭނެއެވެ. ފައިޒާއިން ބުނީ 12 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ 10 މައިކްރޮގްރާމުގެ ޑޯޒެއް ކަމަށެެވެ. އަދި ފަސް އަހަރާއި 6 މަހާއި ދެމެެދުގެ ކުދިންނަށް ދޭނީ ތިން މައިކްރޮގްރާމުގެ ޑޯޒެއް ކަމަށް ބުނެއެވެ.

ފަސް އަހަރުން މަތީގެ ކުދިންގެ ޓެސްޓުތަކުގެ ނަތީޖާ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އެއާއެކު ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެމަޖެންސީ ހާލަތްތަކުގައި އެކުދިންނަށް ވެކްސިން ދިނުމުގެ ހުއްދައަށް އެދޭނެ ކަމަށް ފައިޒާ ކުންފުނީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އަދި ފަސް އަހަރުން ދަށުގެ ކުދިންގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އޮކްޓޯބަރު-ނޮވެމްބަރ ހިސާބުގައި ކަމަށް ބުނެފައި ވެއެވެ.