މަސައްކަތުގެ މާހައުލަށް ނުކުމެ އުޅޭ ކުޑަކުދިންގެ އަދަދު އިތުރުވެ، 160 މިލިއަނަށް އަރައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔޫއެންއައިސީއީއެފް) އާއި އިންޓަނޭޝަނަލް ލޭބާރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ރިޕޯޓު ކޮށްފައިވާ ގޮތުން، ވޭތުވެދިޔަ ހަތަރު އަަހަަރު 8.4 މިލިއަން ކުޑަކުދިންނަށް މަސައްކަތް ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އަދި ކޮވިޑްގެ ސަބަބުން 2022 ވަނަ އަހަރު ނިމުމުގެ ކުރިން މަސައްކަތް ކުރުމަށް މަޖުބޫރުވެ އެކަމުގެ ތެރެޔަށް ނުކުންނާނެ ކަމަށް ލަފާކޮށް ނުވަ މިލިއަން ކުދިން ފާހަގަ ކޮށްފައިވެއެވެ.

އައިއެލްއޯއިން ރިޕޯޓުކުރާ ގޮތުގައި ކްރިޓިކަލް ސޯޝިއަލް ޕްރޮޓެކްޝަން ނުލިބިއްޖެނަމަ މަސައްކަތް ކުރަން މަޖުބޫރުވާނެ ކުދިންގެ އަދަދު އިތުުރުވެ 46 މިލިއަނަށް އަރާފާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

ސަރުކާރުތަކާއި ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ކުޑަކުދިން ބުރަ މަސައްކަތް ކުރުވުން ހުއްޓާލުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، 2000-2016 ގައި ކުޑަކުދިން މަސައްކަތް ކުރަމުންދިޔަ މިންވަރު ބޮޑު ތަނުން ދަށްވެފައިވާ ކަމަށް އައިއެލްއޯގެ ތަފާސް ހިސާބުތަަކުން ދައްކައެވެ.

އުމުރުން 5-11 އަހަރުގެ ކުދިން މަސައްކަތް ކުރަމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިހާރުގެ ދިރާސާތަކުން ދައްކައެވެ. އަދި 2016 ވަނަ އަހަރާއި ހިސާބަށް ރިކޯޑު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، 5-17 އަހަރާއި ދެމެދުގެ ކުދިން އެކުދިންގެ ހަށިގަނޑަށް ސިއްހީގޮތުން ގެއްލުން ވެދާނެ ފަދަ މަސައްކަތް ކުރާ ކުދިންގެ އަދަދު 6.5 މިލިއަނުން 79 މިލިއަނަށް ވަނީ އިތުރުވެފައެވެ.

މަސައްކަތް ކުރަމުންދާ ކުޑަކުދިންގެ ތެރެއިން 70 އިންސައްތަ ކުދިން މަސައްކަތް ކުރަމުންދަނީ ދަނޑުވެރިކަމުގައެވެ.

އުމުރުން 5-11 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 28 އިންސައްތަ ކުދިން އަދި 12-14 އަހަރުގެ 35 އިންސައްތަ ކުދިންނަކީ ކިޔެވުމުގެ މަގު ބަންދުވެ، މަސައްކަތުގެ މާހައުލަށް ނުކުންނަން މަޖުބޫރުވެފައިވާ ކުދިން ކަމަށް އދ. އިން ބުނެއެވެ.