އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 6،148 އަށް އަރައިފިއެވެ.

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ފައްސިވެ 94،052 މީހުން ރިޕޯޓު ކޮށްފައިވާއިރު، ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 6،148 މީހުންނެވެ. މިއީ ކޮވިޑް އާލަމީވަބާ ފެށުނު ފަހުން އެގައުމުން އެހާ ގިނަ ބަޔަކު ކޮވިޑުގައި މަރުވި ފުރަތަމަ ދުވަހެވެ.

އިންޑިއާއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވަނީ ބިހާރު ސްޓޭޓުން ކޮވިޑުގައި މަރުވި މީހުން އަލުން ބަަލައި، ލިޔެކިޔުންތައް ބަލައި ރިކޯޑު ކުރެވިފައިނުވާ 3،951 ކޮވިޑް މަރެއް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. އިންޑިއާގެ އެންމެ ފަގީރު ސަރަހައްދުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބިހާރު ސްޓޭޓުގައި ކޮވިޑުގައި މަރުވި މީހުން އަލުން އެގައުމުގެ ހެލްތް މިނިސްޓްރީއިން ރިކޯޑު ކޮށްފައިވާއިރު 5،400 އިން 9،400 އަށް ވަނީ އިތުރުވެފައެވެ.

ބިހާރު ސްޓޭޓުގައި ކޮވިޑް މަރުތައް އަލުން ބަލާފައިވަނީ އެޕްރީލް އާއި މޭ މަހު ކޮވިޑާއި ގުޅިގެން ލިބިފައިވާ ގެއްލުން އޮޑިޓްކުރަން ހައިކޯޓުން އެންގުމުންނެވެ. އެ ނަތީޖާތަކުން ހާމަވެގެން ދިޔަ ގޮތުގައި 2020 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން މި އަހަރުގެ މާރޗް މަހުގެ ނިޔަލަށް 1،600 މީހުން މަރުވެފައިވެއެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާކަމަށް 29.2 މިލިއަން މީހުން ރިކޯޑު ކޮށްފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 359،679 އަށް އަރާފައެވެ. ވޭތުވެދިޔަ 3 ދުވަހު އެގައުމުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ލައްކައަކަށް ވުރެ މަދެވެ. މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ގޮތުން، މިހާރު އެގައުމުގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 1.17 މިލިއަންއެވެ.

ކިޔުންތެރިންގެ ހިޔާލު