މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭއަށް އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 12 މީހަކު މަރުވެއްޖެއެވެ.

މި ބޯޓަކީ ނައިޕީޑޯން ޕީންއޯލްވިން އަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

މި ބޯޓު ވެއްޓިފައިވަނީ ސްޓީލް ޕްލާންޓަކަށް ވުރެ 300 މީޓަރު ދުރުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މިޔަންމާ ސިފައިންގެ ތަރުޖަމާނު، ޒައު މިން ޓަން ވިދާޅުވީ ބޯޓު ދަތުރުކުރަމުން ދަނިކޮށް މޫސުން ގޯސްވެ، މުވާސަލާތީ ގުޅުން ކެނޑުނު ކަމަށެވެ. އަދި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޓީމު ތަކުން ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށް ވިދާޅުވިއެވެ.

އަސްކަރީ މި ބޯޓަކީ ހަ ސިފައިންނާއި ބުދިސްޓުންގެ ހަފްލާއަކަށް ދިއުމަށް ބަޔަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ ފްލައިޓެއް ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ހާދިސައިގައި މަރުވި މީހުންގެ ތެރޭގައި މިޔަންމާގައި ބުދިސްޓުންގެ އިސް މީހުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ އަބްހިޝެކާ މަހާ ރަތާ ގުރު ބަތަންދާ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ އަސްކަރީ ކޮމާންޑަރަކާއި، ބުދިސްޓުންގެ އިތުރު މީހަކާއި، ދެ ކެޕްޓަނަކު މި ހާދިސައިގައި މަރުވެފައިވެއެވެ.

ބޯޓު ވެއްޓުނު ހާދިސާގައި އެ ސަރަހައްދުގައި އުޅޭ އެއްވެސް ބަޔަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަަމަށްމީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން ފްލައިޓުގެ ކެޕްޓަނާއި ކްރޫއަކަށް އަސްކަރީ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.