ޕާކިސްތާނުގައި ވެކްސިން ނުޖަހާ މީހުންގެ ސިމްކާޑު ބްލޮކް ކުރަން ފަށައިފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޕާކިސްތާނު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޤައުމުގެ ޕަންޖާބު ޕްރޮވިންސުން ވަނީ އެ ޕްރޮވިންސުގައި ކޮވިޑަށް ވެކްސިން ނުޖަހާ ފަރާތްތަކުގެ ސިމްކާޑުތައް ބްލޮކް ކުރަން ފަށާފަ އެވެ.

އޭއާރްވައި ނޫހުން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ޕަންޖާބުގައި މި ފިޔަވަޅު އަޅަން ނިންމީ އެ ސަރައްހައްދުގެ ސިއްހަތާއި ބެހޭ ވަޒީރު ޑރ.ޔާސްމިން ރާޝިދް އެވެ.

ޑރ.ރާޝިދް އާއި ހަވަލާދަނީ އޭއާރްވައި ނޫހުން ބުނެފައިވާގޮތުގައި އެޤައުމުގެ ސަރުކާރުން ދަނީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކޮވިޑް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއްވެސް ފެންނަމުންދާކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ސަރުކާރުން އެޤައުމުގެ ރައްޔިތުން ވެކިސިން ޖެހުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ބޭއްވި ކަމުގައި ވިޔަސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިންލައްލަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ނުވެ އެވެ.

ޕާކިސްތާނުގެ މިނިސްޓްރީ އޮފް ނެޝަނަލް ހެލްތު ސާވިސްގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ މީހުން ވެކްސިން ނުޖަހަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން ކޮވިޑަށް ފައްސި ވުމާއި ގުޅިގެންނެވެ. އަދި ބައެއް މީހުން މަރުވެފައިވާއިރު ބައެއް ފަރާތްތަކުން ވެކްސިން ނުޖަހަން ވަކި ޕްރޮޕެގެންޑާއެއް ފަތުރަމުންދާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ހެލްތު އޮފިޝަލް އިތުރަށް ބުނީ ވެކްސިން ނުޖަހާ ފަރާތްތައް ދެނެގަންނަމުންދާކަމަށާއި އެފަރާތްތަކުން ވެކްސިން ނުޖަހާ ސަބަބު ހޯދަމުންދާ ކަމަށެވެ.

އޭޕްރީލް މަހު ޕާކިސްތާންގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. ނަމަވެސް މިހާރު ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ޕާކިސްތާނުން މިހާތަނަށް ނުވަލައްކައަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 21000 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު